ދުނިޔެ

އިދްލިބް ސަރަޙައްދަށް ދިން ހަމަލާތަކެއްގައި 10 މީހުން މަރުވެއްޖެ


ސޫރިޔާގެ އިދްލިބްގެ ކައިރީގައިވާ ރަށަކަށް ދިން ވައިގެ ހަމަލާތަކެއްގައި 10 މީހުން މަރުވެ، އެތައް ބައެއް ޒަހަމްވެފައިވާކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެފިއެވެ. 

ސޫރިޔާގެ އިދްލިބްގައި ބިނިޝް ނަމަކަށް ކިޔާ މިރަށަށް ދިން ހަމަލާއަކީ ސޫރިޔާގެ ސަރުކާރުގެ ނުވަތަ ރަޝިޔާގެ އަސްކަރީ މަތިންދާ ބޯޓަކުން ދީފައިވާ ހަމަލާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހަމަލާގައި މިސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރި ޖަމައަތެއްގެ ކޮމާންޑަރެއްވެސް މަރުވެފައިވާކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން މައުލޫމާތުދިނެވެ. ތުރުކީގެ ބޯޑަރާއި ކައިރީގައިވާ އިދްލިބް ސަރަހައްދަކީ ސަރުކާރާއި އިދިކޮޅު އެކި އެކި ގްރޫޕްތަކުން ކޮންޓްރޯލްކުރަމުންދާ ސަރަހައްދެކެވެ.

އަނެއްކޮޅުން ސޫރިޔާގެ ހަލަބްގައި މިދިޔަ ހޯމަ ދުވަހު އެކުލަވާލެވުނު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެގްރީމަންޓާއި ހިލާފަށް އެސަރަހައްދުގައި މިހާރުވެސް ހަމަލާތައް ބަދަލުކުރަމުންދާކަމުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ.

ސޫރިޔާގެ 5 އަހަރުވެފައިވާ ދާހިލީ ހަނގުރާމައިގެ ސަބަބުން އެޤައުމުގެ 250 ހާހަށް ވުރެ ގިނަ ރައްޔިތުން މަރުވެ، އެތައް މިލިއަން ބައެއް ވަނީ ރެފިއުޖީންގެ ގޮތުގައި އަމިއްލަ ޤައުމުން ދޫކޮށް ދާންޖެހިފައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އދ އިން އިސްވެ ޖެނީވާގައި އެތައް ފަހަރެއްގެ މަތިން ސޫރިޔާގެ ހަނގުރާމައިގައި ބައިވެރިވާ ފަރާތްތައް އެކުގައި ސުލްހައިގެ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތް މިހާތަނަށް ވަނީ ނާކާމިޔާބުވެފައެވެ.

ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން އެޤައުމުގެ ގިނަ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން މިވަނީ އިންސާނީ އެހީތެރިކަމަށް ބޭނުންވެފައެވެ. ނަމަވެސް ސޫރިޔާގެ ސަރުކާރުންނާއި އިދިކޮޅު ހަނގުރާމަވެރިން ހަނގުރާމައިގެ ހަމަލާތައް ހުއްޓާނުލާ ބަދަލުކުރަމުންދާތީ އިންސާނީ އެހީތެރިކަން ބޭނުންވެފައިވާ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ފަރާތަތްކުން ކުރަމުންދާ މަސައްކަތްތައްވެސް ދަނީ ބުރޫ އަރަމުންނެވެ.