ތުރުކީވިލާތުގެ އިރުދެކުނުގެ ހަކާރީ ސަރަޙައްދުގައި އަމަނާބެހޭ ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާކަން އެޤައުމުން ހާމަކޮށްފިއެވެ.
ތުރުކީވިލާތުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނީ މިއީ އެސަރަޙައްދުގައި ޙަރަކާތްތެރިވާ ޕީކޭކޭގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނެއްކަމަށާ މިއޮޕަރޭޝަންގައި މިހާތަނަށް ޕީކޭކޭ ގެ 11 މީހަކު މަރާލާފައިވާ ކަމަށެވެ. ވަޔާއި އެއްގަމުމަގުން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި އިރާޤުގެ އުތުރުގެ ބައެއް ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުންދާ އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންގެ އަމާޒުތަކަށްވެސް ތުރުކީ ސިފައިން ޙަމަލާދެމުން ގެންދާކަމަށް ޚަބަރުތައް ބުނެއެވެ.
ޕީކޭކޭ އަކީ ތުރުކީވިލާތުގައި ދިރިއުޅޭ ބައިމަދު ކުރުދީންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތެކެވެ. ނަމަވެސް އެޖަމާޢަތުން ކުރުދީ ހަނގުރާމަވެރިންނަށް ހަތިޔާރު ސަޕްލައިކޮށްދެމުންދާކަމަށްބުނެ ތުރުކީ ސިފައިން ވަނީ އެޖަމާޢަތާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށްފައެވެ.