މާލޭ އާސަހަރާގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އޮގްސްޓްމަހުކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
އާސަހަރާ ކައިރީގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އާސަހަރާ މިސްކިތުގެ މަސައްކަތް މިހާތަނަށް ލަސްވީ މަޝްރޫއަށް ބައެއް ބަދަލުތައް ގެންނަންޖެހުމުން ކަމަށެވެ. އެ ބަދަލުތަކާއި އެކު މިސްކިތުގެ މަސައްކަތް މިހާރު ނިމެމުން އަންނަކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އެމިސްކިތް ނިންމާނީ އެއަރކޯން ކޮށްފައިކަމަށެވެ.
އޭގެ އިތުރުން އަންހެނުން ވުޟޫކުރަން ވަކި ތަނަކާއި އަންހެނުންނަށް ވަކި ފާޚާނާއެއްވެސް އަލަށް ތަރައްޤީކުރާ މިސްކިތުގައި ހުންނާނެކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި ފާޚާނާތައް ހުންނާނީ ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ވެސް ބޭނުންކުރެވޭގޮތަށް، އެންމެ ޒަމާނީ ފެންވަރަށްކަން އާޒިމް ފާހަގަކުރެއްވިއެވެ. އަންހެނުނާއި، ފިރިހެނުން ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާ ބޮޑުކުރުންވެސް އެ މަޝަރޫއުގެ ތެރޭގައި ހިމެނޭކަމަށް ޢާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު މި އުންމީދު މިކުރަނީ އެންމެ ލަސްވެގެން އޮގަސްޓުގެ ނިޔަލަށް މުޅި މަސައްކަތް ނިންމާ ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތް ހަދަން." މާލެ ސިޓިގެ މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.
މިހާރު މިސްކިތުގެ ފިނިޝިންގގެ މަސައްކަތް ކުރަމުންދާއިރު ފުރަތަަމަ މިސްކިތުގެ މަަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރަށް 3.9 މިލިއަން ރުފިޔާ އަދި ދެވަނަ ކޮންޓްރެކްޓަރަށް 5 މިލިއަން ރުފިޔާ ޚަރަދުވިކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މިހާރު ފިނިޝިން މަސައްކަތްކުރުމަށް، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2.7 މިލިއަން ރުފިޔާއަށްކަން ފާހަގަކުރައްވާ މޭޔަރު ވަނީ މުޅި މަޝްރޫޢުއަށް 11.6 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ވިދާޅުވެފައެވެ.
މާލޭގައި މަރުވާ މީހުން ވަޅުލުމަށް ބޭނުންކުރާ އާސަހަރާ މަރާމާތުކުރުމަށް ބަންދު ކުރީ މިދިޔަ އަހަރުގެ މޭ މަހުގައެވެ.