ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަދުކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ މުޅި ޤައުމަށް އެންމެ ފައިދާ ބޮޑުވާ ގޮތެއް ބެލުމަށް ފަހުގައިކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. މިކަމުގައި ގޮތެއް ނިންމާނީ މަޝްވަރާކޮށް ގިނަ ބައެއްގެ ޚިޔާލު ހޯދައިގެންކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.
ސަރުކާރުން މި 5 އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ގަސްދުކުރާ ބިލްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢަދަދު މަދުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްކަމަށެވެ.
އެހެންކަމުން އެކަން ކުރުމަށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާޙުތައް ގެންނަވާނެކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ، މިއީ ވަރަށް ބޮޑަށް ރައްޔިތުންގެ ޙައްގުތަކާއި ގުޅިފައިވާކަމެއްކަމަށެވެ.
އެހެންކަމުން މެމްބަރުން މަދުކުރާނެ ގޮތާއި މެދު ގޮތެއް ނިންމާނީ މަޝްވަރާގެ ރިވެތި އުސޫލުގެ މަތިންކަމަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ މިކަމުގައި ގޮތެއް ނިންމުމުގައި ސިޔާސީ ޕާޓީތަކާއެކުވެސް މަޝްވަރާކުރައްވާނެކަމަށެވެ.
"މިކަމަކީ ވަރަށް ބޮޑަށް މަޝްވަރާކުރެވިގެން ވަރަށް ގިނަ ބައެއްގެ ޚިޔާލު ހޯދައިގެން ކުރަންޖެހޭކަމެއް. މިއީ ރައްޔިތުންގެ ޙައްގުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާކަމެއް. މިކަމާއި ގުޅޭގޮތުން އެހެން ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރެވިގެން ޤައުމަށް މީގެ އެންމެ ފައިދާ ބޮޑީ ކޮން ގޮތެއްތޯ ބަލައިގެން މިކަން ކުރާނީ." ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގައި ބުނާގޮތުން ކޮންމެ 3000 މީހުންގެ އާބާދީއަކަށް މަޖިލީސް ތަމްސީލުކުރައްވާ މެމްބަރެއް އިންތިޚާބު ކުރަންޖެހެއެވެ. އެހެންނަމަވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނަ އާބާދީއާއެކު ރައްޔިތުންގެ މަޖިލީސް ތަމްސީލުކުރައްވާ މެމްބަރުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ.
އައު ޤާނޫނު އަސާސީގެ ދަށުން ވޭތުވެދިޔަ ތަނުގައި އިންތިޚާބުކުރި ކޮންމެ މަޖިލީހެއްގައި އިދާރީ ދާއިރާތައްވަނީ އިތުރުވެފައެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި މަޖިލީސް އިންތިޚާބުގައި 77 މެމްބަރުން އަދި 2014 ވަނަ އަހަރު 85 މެމްބަރުން އަދި 2019 ވަނަ އަހަރު އޮތް 19 ވަނަ މަޖިލީހުގައި 87 މެމްބަރުން ތިބިއިރު މިހާރު ކުރިއަށްދާ 20 ވަނަ މަޖިލީހުގައި 93 މެމްބަރުންވަނީ އިންތިޚާބުކޮށްފައެވެ.
މީގެ ކުރިންވެސް މަޖިލީހުގެ މެމްބަރުންގެ ޢަދަދު ހިފެހެއްޓުމަށް މަޖިލީހަށް ބިލްތަކެއް ހުށައަޅާފައިވެއެވެ. އެހެންނަމަވެސް މިކަމުގައި އެދެވޭ ޙައްލެއް އަދި ހޯދިފައެއް ނުވެއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށައެޅުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މަޖިލީސް މެމްބަރުން އިންތިޚާބުކުރާ ގޮތް އާބާދީއާއި ގުޅިފައި އޮތުމުގެ ސަބަބުން ބަޖެޓަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.