ޚަބަރު

ޙައްޖުވެރިންނަށް ހަމަޖައްސަވައިދެއްވާފައިވާ ފުރިހަމަ އިންތިޒާމުތަކަށް ރައީސްގެ ޝުކުރު ސައުދީ ސަރުކާރަށް


  • މިޝުކުރު ރައީސް އަދާކުރެއްވީ ސައުދީ ވަލީ އަޙުދަށް ފޮނުއްވެވި ސިޓީފުޅުގައި

  • ރަސްމީ ކޯޓާ އާއި ޚާއްސާ ކޯޓާގެ ދަށުން މިފަހަރު ރާއްޖެއިން 1150 މީހުން ޙައްޖަށްދިޔަ

މިއަހަރު ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމަށް ދިޔަ ޙައްޖާޖީންނަށް ސައުދީ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަވާދެއްވާފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސައުދީ ސަރުކާރަަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަލް ސަޢޫދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ޙައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރަކީ މުސްލިމު އުންމަތުގެ މެދުގައި އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަން އާލާވެގެންދާ ދުވަސްވަރެއްކަމުގައި ލެއްވުމަށާއި މުސްލިމު އުންމަތަށް ޞުލްޙަމަސަލަސްކަމާއި އުފާވެރިކަން ފާގަތިކަން އިތުރުދެއްވުން އެދިވަޑައިގެން ދުޢާ ދަންނެވިއެވެ.

މީގެ އިތުރުން އަޟްޙާ ޢީދުގެ މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ސަޢޫދީ ވަލީއަޙްދާއި ސަޢޫދީ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްޙޫރިއްޔާ ވަނީ ފޮނުވާފައިވެއެވެ.

ރައީސްގެ ސިޓީފުޅު ނިންމަވާލައްވާފައި ވަނީ ސަޢޫދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފާފާގަތިކަމާ އަދި ސަޢޫދީ ވަލީއަޙްދަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ.

ރަސްމީ ކޯޓާ އާއި ޚާއްސަ ކޯޓާ ހިމެނޭހެން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ރާއްޖެއިން 1150 މީހުން ސަޢޫދީ ޢަރަބިއްޔާއަށް ދިޔައެވެ. އަދި މިފަހަރު ދިވެހިންނަށް ޙައްޖުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ އެހެން އަހަރުތަކަށްވުރެ މާ ފުރިހަމައަށްކަމަށާއި، އެގޮތަށް އެއިންތިޒާމުތައް ކުރިއަށްގެންދިއުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ޚާއްސަ އަޙަމިއްޔަތުކަމެއް ދެއްވިަކަމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ވިދާޅުވފައެވެ.

އެގޮތުން އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރު ދިވެހި ހުރިހާ ހައްޖުވެރިން ތިބުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އެއް ހޮޓެލެއްގައެވެ. އެ ހޮޓެލުގައި ކެއުމުގެ އިންތިޒާމް ވަރަށް ފުރިހަމައަަށް ހަމަޖައްސާފައިވާއިރު، މިނާ އާއި އަރަފާތު ބިމުގައި ވެސް ދިވެހި ރަހަތަކުގެ ކެއުން ލިބޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި ޙައްޖުވެރިން މަގުއޮޅި ގެއްލުން ފަދަ ކަމެއް ވެދުވެރިވެދިޔަ ނުދިނުމަށްޓަކައި ކޮންމެ ޙައްޖާޖީއަކަށް ވަނީ ޓްރެކިން ޑިވައިސްއެއްވެސް ދީފައެވެ.

1.8 މިލިޔަން ޙައްޖާޖީންނާ އެކު މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފަށައި ޙައްޖުގެ މުޙިއްމު މަނާސިކުތައް ނިމިފައިވާއިރު،
ޙައްޖުގެ މި މާތް މަތިވެރި އަޅުކަމަކީ އެންމެ ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ ބައިވެރިވާ ދުނިޔޭގެ އެންމެ ބޮޑު އެއް ދީނީ އަޅުކަމެވެ. އެއީ, ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ މަތިވެރި އަޅުކަމެކެވެ.