ޚަބަރު

އޭޓީއެމް މެދުވެރިކޮށް ފައިސާ ރީޗާޖު ކުރެވޭ އަދަދު 500 ރުފިޔާއަށް


އޭޓީއެމް މެދުވެރިކޮށް ދުވާލެއްގެ މައްޗަށް ފައިސާ ރީޗާޖު ކުރެވޭ އަދަދު 500 ރުފިޔާއަށް ލިމިޓް ކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ދިރާގާއި އުރީދޫ އަށް އަންގަވައިފިއެވެ.

ހޯމް މިނިސްޓަރ މިގޮތަށް އެންގެވީ އެތައް ބައެއްގެ އަތުން އޮޅުވާލައިގެން އެމީހުންގެ ބޭންކު އެކައުންޓުގައި ހުންނަ ފައިސާ ނަހަމަގޮތުގައި ރިޗާޖު ކުރުން އިތުރުވެފައިވާތީ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ. ނަހަމަގޮތުގައި އެފަދަ ބޮޑެތި އަދަދުތަކުން ކަސްޓަމަރުން ލައްވައި ފައިސާ ރީޗާޖު ކުރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށްވަނީ ހުށަހެޅިފައެވެ.

މިހާރު ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން ދުވާލެއްގެ މައްޗަށް އޭޓީއެމް މެދުވެރިކޮށް ސަތޭކަ ހާސް ރުފިޔާ ވެސް ރީޗާޖު ކުރެވެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ މިފަދަ ފިޔަވަޅެއް އަޅާފައިވަނީ ކަސްޓަމަރުންނަށް އޮޅުވާލައިގެން ނުހައްގުން އެމީހުންގެ އެކައުންޓުން ބޮޑެތި އަދަދުން ފައިސާ ރީޗާޖު ކުރަމުންދަތީ އެކަން ހުއްޓުވުމަށްޓަކައި ކަމަށެވެ. އެކި މީހުންގެ ފޯނުތަކަށް ގުޅައިގެން އޮޅުވާލައިގެން އެމީހުންގެ ބޭންކު އެކައުންޓުގައި ހުންނަ ފައިސާ ފޯނުތަކަށް ރީޖާޗު ކުރަމުން އަންނައިރު، އެކި ޕްރޮމޯޝަންތަކުގެ ނަމުގައި އެކި މީހުންގެ ފޯނުތަކަށް ގުޅައިގެން ރީޗާޖު ކުރުމުގެ މައްސަލަތައްވެސް ރާއްޖޭގައި ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެއްވެސް ރައްޔިތެއްގެ އަތުން ފައިސާ ހޯދުމަށް އެއްވެސް ކުންފުންޏަކުން ނުވަތަ އެއްވެސް އިދާރާއަކުން ނުގުޅާނެ ކަމަށާއި އެފަދަ ފޯން ކޯލުތަކަށް އިޖާބާ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރައްވައެވެ.