މިދިޔަ އަޟްޙާ އީދު ބަންދުގައި، ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ރާއްޖޭގެ އެކި ހިސާބުތަކަށް ބާއްވާ ޝިޑިއުލް ދަތުރުތަކުގެ އިތުރަށް 100އަށްވުރެ ގިނަ ދަތުރުކުރިކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކޮށްފިއެވެ.
މިއަހަރުގެ އަޟްޙާ ޢީދު ބަންދާ ގުޅިގެން މިދިޔަ ހަފްތާ އަކީ ބަންދު ހަފްތާއަކަށް ވުމުން ގިނަ އަދަދެއްގެ ބަޔަކުވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށްފައެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ސަރުކާރުންވަނީ ޤައުމީ ފެންވަރުގައި ޢީދު ފާހަގަކޮށްފައެވެ. އެއީ ރ. އުނގޫފާރު، ދ. ކުޑަހުވަދޫ އަދި ގއ. ވިލިނގިލީގައެވެ. އަދި ރާއްޖޭގެ ގިނަ ރަށްރަށުގައި އީދު ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމާއި ގުޅިގެން އެތެރޭގެ އުދުހުންތަކަށް ބާރު ބޮޑުވެގެންދިޔައެވެ.
އަދި ޑިމާންޑާއި އެއްވަރަށް ޚިދުމަތް ދިނުމަށްޓަކައި މޯލްޑިވިއަނުން ވަނީ އެތެރޭގެ އުދުހުންތައް އިތުރުކޮށްފައެވެ.
އައިލެންޑު އޭވިއޭޝަނުން ބުނީ އަޟްޙާ އީދު ބަންދާއި ދިމާކޮށް ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ރާއްޖޭގެ އެކި ހިސާބުތަކަށް ބާއްވާ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް 100އަށްވުރެ ގިނަ ދަތުރުކުރިކަމަށެވެ. އަދި އިތުރަށް ދަތުރުތައް ބޭއްވުމުގައި ބެލީ ޑިމާންޑު އޮތް މިންވަރަކަށް ކަމަށެވެ.
ކޮންމެ ބަންދަކާއި ދިމާކޮށްވެސް ޑިމާންޑް އިތުރުވާ ސަރަހައްދުތަކަށް މޯލްޑިވިއަނުން އަބަދުވެސް އިތުރު ދަތުރުތައް ކުރެއެވެ.
މޯލްޑިވިއަނުން ރާއްޖޭގެ 16 މަންޒިލަކަށް ޝެޑިއުލް ދަތުރުތައް ބާއްވައެވެ. މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓުކުރަމުންދެއެވެ. މީގެ ތެރޭގައި އެއަރބަސް 320 A މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.