ޚަބަރު

މަސްތުވާތަކެތީގެ ވަބާ: މުޖުތަމަޢުގެ ސަލާމަތަށް ސަރުކާރުގެ މިސްރާބު މުހިއްމު ފިޔަވަޅުތަކާ ދިމާއަށް


  • މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ހައްލެއް މިހާތަނަށް ހޯދިފައި ނުވޭ

  • މަސްތުވާތަކެއްޗާއި ދެކޮޅަށް މިހާތަނަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ

ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް މައްސަލައެވެ. މިމައްސަލަ ހައްލު ކުރުމަށް، ރާއްޖެއިން އެކި ގޮތްގޮތައް އެކި ވިސްނުންތަކުގައި މަސައްކަތް ބައްޓަން ކޮށްފައިވާއިރު މިހާތަނަށްވެސް މި ބޮޑު މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދިފައިނުވެއެވެ.

ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް މިއަދު ފާހަގަކުރާއިރު، ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތީ މިހާރުވެސް ކަންބޮޑުވާން ޖެހޭ ދަރަޖައެއްގައެވެ. ކަނޑާއި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާއިރު އެ ވިޔަފާރި ކުރާ މީހުން ތަފާތު އުކުޅުތައް ބޭނުންކޮށްގެން އެކަންދަނީ ކުރަމުންނެވެ. މިއީ ރޭވިގެން ހިންގާ ކަންތައްތަކުގެ ގޮތުގައި މިހާރުމިވަނީ ވެފައެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުން މި ނުރައްކާތެރި ވަބާއިން ސަލާމަތްވެ، އެކަމާ ގުޅިގެން ކުރިމަތިވާ ނޭދެވޭ ކަންކަން ހައްލުކުރަން ބޭނުންވަނީ އެކަށީގެންވާ ރަނގަޅު ހަރުދަނާ ނިޒާމެކެވެ.

މިމައްސަލަ ހައްލުކުރަން ރާއްޖެއިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރާއި ހާލަތު ދެނެގަނެ، އެތަކެތީގެ އިސްތިޢުމާލުކުރާ ފަރާތްތަކަށް ފަރުވާދިނުމުގެ ނިޒާމު ޤާއިމްކުރުން ހިމެނެއެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަނބުރާ މުޖުތަމަޢަށް ގެނެސް ހަރުދަނާ ބަޔަކަށް ހެދުމަކީ މުހިއްމު އަމާޒެއްގެ ގޮތުގައި ގުޅުންހުރި އިދާރާތަކުން ވަނީ މަސައްކަތްކޮށްފައެވެ.

ނަމަވެސް މިހާތަނަށްވެސް މިމައްސަލައަށް އެކަށީގެންވާ ނުވަތަ ވަށައިޖެހޭ ހައްލެއް ލިބިފައި ނުވެއެވެ. މަސްތުވާތަކެތީގެ ނުރައްކަލާއި ވޭން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެތަކެއް ޢާއިލާތަކަކުން ތަހަންމަލްލުރާއިރު، އޭގެ ސަބަބުން އެތަކެއް އާއިލާއެއް ވަނީ ބިކަވެ ނިކަމެތިވެފައެވެ. މަސްތުވާތަކެއްޗަށް ދެވިހިފުމުން ޖިނާޢީ ކުށްތަކަށް އަރައިގަނެ، އެތަކެތި ހޯދަން ކޮންމެފަދަ ނޭދެވޭ އަމަލަކާ ދިމާއަށްވެސް މީހާ މަޖުބޫރުވާ ހާލަތައްދިއުމަކީ މިވަބާގެ ނުރައްކާތެރިކަން އަންދާޒާކުރެވިދާނެ ޢަމަލުތަކެވެ. ނަމަވެސް މިކަމުގެ ނުރައްކަލާއި ގެއްލުން ހިތައްވެސް ނުގެނެވޭހާ ނުރައްކަލެވެ. އަދި މިވަބާގައި ފުރާނައަށް
ނުރައްކާވާ ހާލަތަށްދާ މީހުންވެސް މަދެއްނޫނެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ގޮސްފައިވާ ނުރައްކާތެރި މިންވަރު ތަސައްވަރު ކުރެވޭނީ މިފަދަ މައްސަލަތައް ތަޙުޤީކުރާ ފުލުހުންގެ ޚިދުމަތުން އާންމުކުރާ ތަފާސްހިސާބުތަކުންނެވެ. މިދިޔަ މޭ މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާގޮތުން މިއަހަރުގެ އެހާތަނަށް 56 އޮޕަރޭޝަނަކުން 19 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އެއީ މަގުމަތީ އަގު 100 މިލިއަން ރުފިޔާއަށްވުރެ އިތުރެވެ.

މިއީ އަހަރުގެ ފުރަތަމަ 5 މަސް ނުނިމިއުޅެނިކޮށް ކަންކަން ގޮސްފައިވާ ހާލަތެވެ. މި ހާލަތު ބަދަލު ކުރެވޭނީ، ނިޒާމު ހަރުދަނާކޮށް ފަރުވާދޭ ނިޒާމަށް އިސްލާހީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ.

އަދުގެ ސަރުކާރުން ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މުޙިއްމު މަސައްކަތްތަކެއް ކުރަން އިއުލާންކޮށް ބައެއް ކަންކަން ތަންފީޒުކުރަން ފަށާފައެވެ.

އެގޮތުން މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ހުއްޓުމަށް ކަނޑު އުޅަނދުތަކުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަރުކޮށް މޮނިޓަރކުރުމަށާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާދެވޭނެ ނިޒާމެއް ޤާއިމްކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް ފުލުހުންގެ ތެރޭގައި ޚާއްސަ ބަހާއެއް ޤާއިމްކުރައްވަން ނިންމަވައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކޮންމެ މީހަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

މިއަހަރު ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "އެވިޑެންސް އިޒް ކްލިއަރ - އިންވެސްޓް އިން ޕްރިވެންޝަން" އެވެ. އ.ދގެ މަސްތުވާތަކެއްޗާއި ޖިނާޢީ ކުށްތަކާއި ބެހޭ ޖަމިއްޔާއިން ވަނީ މަސްތުވާތަކެތީގެ މައްސަލައަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައަކަށްވުމުން މިއަހަރުގެ ޝިޢާރުން މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ސައިންސުގެ ހެކިތަކުގެ އަލީގައި ފަރުވާއަށާއި، ޕްރިވެންޝަން
ނުވަތަ ރައްކާތެރިވެ ތިބުމަ ހޭދަ ކުރަން ޖެހޭކަމަވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުނަށް ފަރުވާ ދިނުމުގައި ސަރުކާރުން ހިންގާ އެކި ކަހަލަ މަޝްރޫޢުތަކުގައިވެސް ޢަމަލީގޮތުން ބައިވެރިކުރުވައިގެން އެފަދަ މީހުން އަންބުރާ މުޖުތަމަޢަށް ގެނެވޭ ގޮތަށް ކަންކަން ކުރިއަށްދިއުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މި ދައުރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް އެދެވޭ ޙައްލެއް ގެނައުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަން ހާމަކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މަގުފަހިވާގޮތަށް ޤާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.