ޚަބަރު

ޤައުމު ރޮއްވާލާފައި ވަކިވެގެންދިޔައީ ރިވެތި ޘަނާލިބިގެންވާ ޙާލު


  • ދީނީ ކަންކަމަށް އަހަމިއްޔަތުކަންދިން ޝަޚްސިއްޔަތެއް

  • ޢާރިފްގެ ހެޔޮލަފާ މިޒާޖަށް އެތައް ބައެއްގެ ތަޢުރީފް

އިއްޔެގެ އިރު އޮއްސިގެން ދިޔައީ މުޅި ޤައުމު ރޮއްވާލާފައެވެ. ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފިލްޑަރު މުޙައްމަދު އާރިފް(ބަކާ) ނިޔާވި ޚަބަރާއެކުގައެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އެނބުރި އައިސް ގިނަ ދުވަސްތަކެއް ނުވެ އާރިފް ވަކިވެގެން ދިޔުންވީ ޤައުމުގެ ކުދި ބޮޑު އެންމެނަށް ލިބިގެންދިޔަ އާދަޔާ ޚިލާފު ޙައިރާންކަމެކެވެ. ރިވެތި މަރެއްގެ ގޮތުގައި ގިނަ ބަޔަކު އެކަން ސިފަކުރަމުންދާއިރު އޭނާއާއި ބެހޭގޮތުން އުފާވެރި އެތައް ވާހަކަތަކެއްވެސް ވޭތުވެދިޔަ ގަޑިތަކުގައި އެކި މީހުންވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ފުޓުބޯޅައިގެ ދުނިޔޭގައި ވިދާ ތަރިއެއްކަން ގިނަ ބަޔަކަށް އެނގުނު ނަމަވެސް އޭނާގެ މަރު ޚަބަރާއެކު މުޅި ސޯޝަލް މީޑިއާގައި އެކި މީހުންގެ ޝުޢޫރުތައް ބަންޑުންކުރަން ފެށުމުން އޭނާގެ ހިތްތިރިކަމާއި ދީނީ ކަންކަމުގައި ބެހެއްޓި ސާބިތުކަމާއި ޒުވާނުންނާއި ކުޑަކުދިން ބިނާކުރުމަށް ކުރި މަސައްކަތާއި އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވެ އުޅުނު މަޑުމައިތިރި ޙަޔާތާއި ބެހޭ ގޮތުން ގިނަ ކަންކަންވަނީ ހާމަވެފައެވެ.

އެކި ފަންތީގެ އެތައް ބައެއްގެ ތަޢުރީފު އޮހެމުން އޭނާގެ ކުއްލި ވަކިވެދިޔުމާއެކު އެތައް ބަޔަކުވަނީ އެކަމުގެ ހިތާމައިގައި ބައިވެރިވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފްވެސްވަނީ މިހިތާމާއިގައި ބައިވެރިވެވަޑައިގެން ޤައުމަށް ލިބިގެންދިޔައީ ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް ވިދާޅުވެފައެވެ. ސަރުކާރުގެ އިސް ބޭފުޅުންނާއި އެހެނިހެން ބޭފުޅުންވެސްވަނީ އާރިފާއެކު ކުރެވުނު ތަޖުރިބާ ހިއްސާކުރައްވާފައެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ޙައްޖުގެ މަތިވެރި އަޅުކަމުގައި އާރިފާއެކު ހޭދަކުރެވުނު 12 ދުވަހުގެ ހަނދާންތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.

ޝަމްޢާން ވިދާޅުވީ، ޙައްޖު މޫސުމުގައި ޢާރިފާއެކު ހޭދަކުރެވުނު ވަގުތުތަކާއެކު އިޙްސާސްކުރެއްވެނީ އެކުގައި ބޮޑުވީ ދެކެފަރިތަ ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައިކަމަށެވެ. އެކުގައި ޙައްޖަށް ދިޔަ އެންމެ ދޮށީ ބޭފުޅާގެ ހުރިހާކަމެއް ދަތުރު ފެށިގެން ނިމެންދެން، އަމިއްލަ ބައްޕަ ފަދައިން ބެލެހެއްޓީ އާރިފްކަމުގައި ޝަމްޢާން ވިދާޅުވިއެވެ. ސަމާސާ މިޒާޖެއްގެ ވެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ޢާރިފަކީ ޙައްޖުގެ ދަތުރުގެ ތެރެއިން ފަތިސް ނަމާދަށް އެންމެނަށް ގޮވާ އެންމެންގެ "އެލަރމް ކްލޮކް"ގެ ގޮތުގައި ފާހަގަވެފައިވާކަމަށް ޝަމްޢާން ވިދާޅުވިއެވެ.

މުޙައްމަދު އާރިފްގެ ކިބައިން ގިނަބަޔަކަށް ފާހަގަވީ އެންމެ މުހިއްމު ސިފައަކީ ދީނީ ކަންކަމަށް އޭނާ ބެހެއްޓި ފަރުވާތެރިކަމެވެ. އެގޮތުން ނަމާދު ގަޑިތަކުގައި އަބަދުވެސް މިސްކިތުން ފެންނަ ރައްޓިހި މޫނެއްގެ ގޮތުގައި ގިނަ ބަޔަކުވަނީ އެކަން ފާހަގަކޮށްފައެވެ. ޚާއްސަކޮށް ފަތިސް ނަމާދުގެ ޖަމާޢަތާއި ދަމު ނަމާދުކުރުމަށް ޝައުގުވެރިވި ޒުވާނެއްގެ ގޮތުގައި މިސްކިތުން އަބަދު ފެންނަ ބައެއް ފަރާތްތަކުންވަނީ ސޯޝަލް ހިއްސާކޮށްފައެވެ.

މީގެއިތުރުން މިއަހަރުގެ ޙައްޖު ދަތުރުގެ ތެރެއިން ޝެއިޚް މުޙައްމަދު ލަތީފާއެކު ޙައްޖުގެ އެކި މަނާސިކުތައް އަދާކުރުމުގައި އުޅުމަށްފަހު ޙައްޖުން އެނބުރި އައިތާ ދުވަސްތަކެއް ނުވެ އާރިފްގެ ޖަނާޒާ އިމާމުވެ ޝެއިޚް ލަތީފު ކުރައްވާތަން ހިއްސާކޮށްވެސް އަސަރުގަދަ މަންޒަރެއްގެ ގޮތުގައިވެސް އެތައް ބަޔަކު ސިފަކުރިއެވެ.

އިޖުތިމާޢީ އެކި ޙަރަކާތްތަކުގައި ޢާރިފް ގިނަ ޚިދުމަތްތަކެއް ކޮށްފައިވާކަން އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ހިއްސާކުރަމުންދާ ޕޯސްޓްތަކުންވެސް އެނގެއެވެ. ކޮންމެ މީހަކުވެސް ހިއްސާކުރަމުންދަނީ ތަޢުރީފާއި ޘަނާއެވެ. ޢާރިފްގެ ރަނގަޅުވާހަކަތަކެވެ. ދީނަށް އަހަމިއްޔަތުކަން ދިން މިންވަރުގެ ވާހަކައެވެ.

ފަހުގެ ތާރީޚެއްގައި ޤައުމު ނުދެކެވޭވަރުގެ މޮޅު ފުޓުބޯޅަ ކުޅުންތެރިއެކެވެ. ދީނީ ކަންކަމަށް ފަރުވާ ބެއްހެއްޓި އަދި ދަރިފުޅުގޮވައިގެން ދީނީ ކަންކަމަށް އަޙުލުވެރިކުރުވާ ލޯބިޖެއްސުމަށް މަސައްކަތް ކުރެއްވި ބައްޕައެކެވެ. އިޖުތިމާޢީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިން ދީލަތި ހިތެއްގެ ވެރިއެކެވެ. ވަކިވެދިޔުން އެއީ ދުނިޔޭގެ ޙަގީގަތްނަމަވެސް އެއީ ހިތްތަށް ރޮއްވާލި ރިވެތި ނިމިދިޔުމެކެވެ.