ޚަބަރު

ކުންފުނިތައް ރިފޯމް ކުރުމަކީ އިޚްތިޔާރީކަމެއް ނޫން، މަޖުބޫރުކަމެއް: މާލީ ވަޒީރު


  • ކުންފުނިތައް އިޞްލާހުކުރުމަށް ބޭނުންވާ އެޖެންޑާ ކެބިނެޓުން ވަނީ ފާސްކޮށްފައި

  • މިހާތަނަށް ކުރެވުނު މަސައްކަތުން 2.5 ބިލިއަން ރުފިޔާ ވަނީ ސަލާމަތްކުރެވިފައި

  • ޚަރަދު ބޮޑު ދިމަދިމާ ބަލައި ޚަރަދު ކުޑަކުރަން ދަނީ ފިޔަވަޅުތައް އަޅަމުން

ސަރުކާރު ހިއްސާވާ ކުންފުނިތައް އިޞްލާހުކުރުމަކީ އިޚްތިޔަރީ ކަމެއް ނޫންކަމަށާއި އެއީ މަޖުބޫރު ކަމެއްކަމށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މާލީ ޙާލަތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ޙިއްސާކުރައްވަމުންނެވެ.

މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވީ،މާލީ ގޮތުން އިޞްލާހީ ފިޔަވަޅުތަކެއް އަޅައިގެން ނޫނީ ރާއްޖެއަށް ކުރިއަށް ދެވެން ނެތްކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ބުނެފައިވާކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެން ބޭޏުންވާ ޚިދުމަތްތައް ފޯރުކޮށްދެވެން އޮތީ ކުންފުނިތައްވެސް ހިމެނޭހެން އިޞްލާހީ ފިޔަވަޅުތަކެއް އަޅައިގެންކަަމަށް އެ އިދާރާތަކުންވެސް ހާމަކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، އިޞްލާހީ ފިޔަވަޅުތައް އަޅަންޖެހޭ މިންވަރަށް ނޭޅިއްޖެނަމަ ކުރިއަށް އޮތް މުސްތަޤްބަލުގައި ވަރަށް އުނދަގޫތަކާ ރާއްޖެއަށް ކުރިމަތިލާންޖެހޭނެކަމަށާއި، މިހާރުގެ ބަޖެޓްވެސް ފައިނޭންސް ކުރަން ދަތިތަކެއް އެބަހުރިކަމަށެވެ. ރީފޯމް އެޖެންޑާ ނުވަތަ އިޞްލާހީ މަސައްކަތްތައް ކުރަން ބަޖެޓުގައި އޮތީ އަހަރުގެ މެދުތެރޭގައިނަމަވެސް މި ސަރުކާރުން ފުރަތަމަ ދުވަހުވެސް އެ މަސައްކަތް ފަށްޓަވައިގެން ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ބޯހިޔާވަހިކަން، ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމާ، އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އާސަންދަ ދިނުމަށް އިސްލާހުތަކެއް ބޭނުންވޭ. އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރޭ ބައެއްކަހަލަ ދާއިރާތަކުގައި ވޭސްޓޭޖު ބޮޑުކަން. ކުންފުނިތައް އެފިޝިއަންޓެއް ނޫނޭ. ކުންފުނިތައް ވޭސްޓޭޖު ކުޑަކޮށް އެފިޝިއަންޓު ވާންޖެހޭ. ސޭވް ކުރެވެންހުރި ދިމަދިމާތައް ބައިވަރު އެބަހުއްޓޭ. އެހެންވީމަ މި އިޞްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ." މާލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. މިހާތަނަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް ސިފަކުރައްވާ ވަޒީރު ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް ކުރި މަސައްކަތުން 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާކަމަށެވެ.

"ކުންފުނިތަކުގެ ތެރެއިން ފެނަކަ އާރުޑީސީ އެފިޝިއަންޓެއް ނޫނޭ. އެކުންފުނިތަކުން ދައްކަންޖެހޭ ބިލްތައް ބައިވަރު އެބަހުއްޓޭ. ވަރަށް ބައިވަރު މައްސަލަތައް ހުރިވާހަކަ. ނަމަވެސް މިހާތަނަށްކުރެވުނު މަސައްކަތުން އެވްރެޖުކޮށް އާރުޑީސީން މަހެއްގެމައްޗަށް 17 މިލިއަން ރުފިޔާ ސޭވްކުރޭ." މާލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ސިއްޙީ ދާއިރާގެ ކަންކަން އިޞްލާހުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. މި ދާއިރާއިން ކުރެވޭ މަސައްކަތުގެ އަލީގައި ވަރަށް ބޮޑު ޢަދަދެއްގެ ފައިސާ ސަލާމަތްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ކުންފުނިތައް އިޞްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބާރު އަޅުއްވާކަމަށާއި، އެކަމަށްޓަކައި އިޞްލާހީ އެޖެންޑާއެއް ކެބިނެޓުން ފާސްކޮށްފައިވާކަަމށެވެ. އަދި ޓައިމްލައިނެއް ތައްޔާރުކޮށް ޚަރަދުކުޑަކުރުމުގެ ކަންކަން ތަންފީޒްކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައިވަނީ އިޞްލާހީ މަސައްކަތްތަކަށް މެންބަރުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

ސަރުކާރު ހިއްސާވާ ނުވަތަ ދައުލަތުގެ ކުންފުނިތަކުގެ ގޮތުގައި މިވަގުތު 32 ކުންފުންޏެއް އެބައޮތެވެ. އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުވެ، ގެއްލުމުގައި ހިންގާ ކުންފުނިތަކެވެ.

ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ފައިދާގައި ހިނގާ، އަދި ހިންގުމުގައި ދައުލަތުން ޚަރަދެއްކުރަން ނުޖެހޭ ތަންތަނަށް ބަދަލުކުރުމަށް ތަންފީޒުކުރާނެ ސިޔާސަތުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މިގޮތުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި ސަބްސިޑީ ދޭންޖެހޭ ހާލަތްތަކާއި، ސަބްސިޑީ އަދި ކެޕިޓަލް ދޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.