ޚަބަރު

ޗައިނާ-ރާއްޖެ ކަރަންސީ ސެޓަލްމެންޓާއި ގުޅޭ މަޝްވަރާތަކެއް


  • މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޕީޕަލްސް ބޭންކް އޮފް ޗައިނާއާއެކު

  • މިއީ ދިވެހި ރުފިޔާގެ އަގު އުފުލޭނެކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭ

ދެގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ކުރިއަށްދާނެ ގޮތްތަކާއި ގުޅޭގޮތުން ޕީޕަލްސް ބޭންކް އޮފް ޗައިނާއާއެކު އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވަޒީރު މުހައްމަދު ސަޢީދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު މިހާރު ޗައިނާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތައް ގެނައުމަށްޓަކައި، ރާއްޖެއާއެކު ވިޔަފާރީގެ މުޢާމަލާތްތައް ގިނަޢަދަދަކަށް ހިންގާ ބައެއް ބޮޑެތި މާކެޓްތަކާއެކު ކަރަންސީ ސެޓްލްމެންޓް އެރޭންޖްމަންޓްތައް ހެދުމަކީ ރައީސުލްޖުމުހޫރީއްޔާ އަދި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުންގެންދާ މަސައްކަތެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދެގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ކުރިއަށްދާނެ ގޮތްތަކާއި ގުޅޭގޮތުން ޕީޕަލްސް ބޭންކް އޮފް ޗައިނާއާއެކު އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުހައްމަދު ސަޢީދު މަޝްވަރާކުރައްވާފައިވާއިރު، މީގެކުރިން މިކަމާއި ގުޅޭ މަޝްވަރާތައް އެޤައުމުގެ ވިޔަފާރިއާއި ބެހޭ ވަޒީރާ އެކުވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެގޮތުން ޗައިނާއާއި ރާއްޖެއާއި ދެމެދު ކަރަންސީ ސެޓަލްމެންޓް ނިޒާމެއް ޤާއިމް ކުރުމަށް ޗައިނާގެ ވިޔަފާރިއާއި ބެހޭ ވަޒީރު ވަންގް ވެންޓައޮއާއެކު މަޝްވަރާކުރައްވާފައިވަނީ މިމަހުގެ 25ވަނަ ދުވަހުއެވެ.

ޗައިނާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާ ބޭނުންކޮށްގެން މުއާމަލާތު ކުރެވޭނެގޮތް ހެދުމަކީ ދިވެހި ރުފިޔާގެ އަގު އުފުލޭނެކަމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ނިމިދިޔަ ޖެނުއަރީމަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ޤައުމާއެކު ވިޔަފާރިއާއި ތަރައްޤީގެ ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި ބްލޫ އިކޮނޮމީ ކޯރޕަރޭޝަން އެއްބަސްވުމާއި، ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމާއި، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަނާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.

މީގެ އިތުރުން 2017 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރިނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ މި އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލާފައެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ޗައިނާއާއެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރުތެރޭގައި އަމަލުކުރަން ފެށޭނެކަމަށް ވިދާޅުވެފައެވެ.

ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އަހަރަކު 700 މިލިއަނެއްހާ ޑޮލަރު ހޭދަކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.