ޝަރީޢަތް ނިމެންދެން މާފުށީ ޖަލުގައި ހުއްޓާ ނިޔާވި މުހައްމަދު ޖަމީލުގެ ހަށިގަނޑުގައި އަނިޔާތަކުގެ ނިޝާންތަކެއް ހުރި ނަމަވެސް މިހާތަނަށް ކުރެވުނު ތަޙްޤީގުތަކުން މުހައްމަދު ޖަމީލަށް ޖިސްމާނީ އެއްވެސް އަނިޔާއެއް ދީފައިވާ ކަމުގެ އެއްވެސް އަލާމާތެއް ފާހަގަ ނުކުރެވޭ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިކަން ހާމަކުރެއްވީ މިހާދިސާއާ ގުޅޭ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަރެކްޝަންސް ގުޅިގެން އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ ގައިދީއަކު ހުކުރު ދުވަހު ނިޔާވި ޙާދިސާގައި ޙަގީގަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދިޔުމާއި ގުޅިގެން އެކަމުގެ ތަފްސީލު ހާމަކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ނިޔާވެފައިވާ މުޙައްމަދު ޖަމީލުގެ ހަށިގަނޑު ބެލި ޑޮކްޓަރުން އޭނާގެ މަރުގެ ސަބަބެއްކަމަށް ނިންމާފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުންވެސް އަދި އިންޓަރނަލް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަން ޑޮކްޓަރުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ޖަލުގައި ހުރި ގައިދީއަކު ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ފޮޓޯތަކުގައި ހަށިގަނޑުގެ އެކި ތަންތަނަށް ލޭ ކުލަ އަރާފައިވާ މަންޒަރު ފެންނަނީ އެއީ މަރުވުމަށްފަހު އިންސާނާގެ ހަށިގަނޑު ޑީކޮމްޕޯސްވަމުންދާއިރު އާއްމުކޮށްވެސް ފެންނަން ހުންނާނެ ގޮތްކަމަށެވެ. އޭގެ ތަފްސީލު ދެއްވަމުން ފުލުހުން ވިދާޅުވީ އެއީ ހަށިގަނޑުގެ ގުދުރަތީ ލޭ ހިނގުމުގެ ނިޒާމު މީހާ ނިޔާވުމާއެކު ހުއްޓިގެން ދިޔުމުން ލޭތައް ދައުރުވާން ފަށަނީ ގްރެވިޓީ ނުވަތަ ބިމަށް ދަމާ ބާރަށްކަމުން ހަށިގަނޑުގައި ލޭ ޖަމާވަމުންދާނީ އެއްދިމާލަކަށްކަމަށެވެ.
ފުލުހުން ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ މުޙައްމަދު ޖަމީލު ނިޔާވިތާ ގިނަ އިރުތަކެއްވުމަށްފަހު އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަށިގަނޑު އާއިލާއާއި ހަވާލުވިފަހުން ސަހަރާގައި ނަގާފައިވާ ފޮޓޯ ތަކެއްކަމަށެވެ. ފޮޓޯތައް ދައުރުކުރަން ފެށުމާއެކު އޭގެ ސަބަބުން ރައްޔިތުންގެ ހިތުގައި އެމުއައްސަސާއާއި މެދު ޝައްކު އުފެއްދުމަށް ޖާގަ ނުދިނުމުގެ ގޮތުން އިތުރަށް ބެލުމަށް އޮޓޯޕްސީ ހެދުމަށް އަލުން ހަށިގަނޑު ފުލުހުންނާއި ޙަވާލުކުރުމަށް އެދިފައިވާކަމަށެވެ. އެހެންނަމަވެސް ތަކުރާރުކޮށް ފުލުހުންނާއި ވަޒީރު އަމިއްލަފުޅަށް އެދުމުންވެސް އެގޮތަށް ޢަމަލުކުރަން އާއިލާއިން ދެކޮޅު ހަދާފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުޙައްމަދު ޖަމީލްއެވެ. އޭނާއަކީ ނަފްސާނީ މައްސަލަތަކެއް ހުރުމުން ބޭސް ބޭނުންކުރަމުން ގޮސްފައިވާ ފަރާތެއްކަމަށް ފުލުހުން ވިދާޅުވެއެވެ. މަރުގެ މިޙާދިސާއާއި ގުޅިގެން
ފުލުހުންވަނީ މުހައްމަދު ޖަމީލް ގޮޅިގައި ހޭދަކުރި ފަހު ވަގުތުތައް ފެންނަ ސީސީޓީވީ ފުޓޭޖްވެސް ނޫސްވެރިންނަށް ދައްކާލާފައެވެ. އަދި މީހެއްގެ މަރުގެ ކޭސްއެއްކަމުން މައްޔިތާގެ ޙުރުމަތް ކެނޑޭގޮތަށް ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.