ޔަމަންގެ މުކައްލާއަށް އާދީއްތަދުވަހު ދިން ޓެރަރިސްޓް ޙަމަލާގެ ޒިންމާ އައިއެސް ޖަމާޢަތުން އުފުލައިފިއެވެ.
އައިއެސްގެ ނޫސް އެޖެންސީ އަލްއަޢުމާޤު އިން ބުނީ މުކައްލާގެ އަމަނާބެހޭ އެކުވެނީގައި ބޮންގޮއްވާލީ އެޖަމާޢަތުން ކަމަށާ އެޙަމަލާ ދިނީ އެޖަމާޢަތުގެ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެންކަމަށެވެ. މިޙަމަލާގައި ފަންސަވީސް މީހުން މަރުވެފައިވާއިރު އިތުރު ތިރީހަކަށްމީހުން ޒަޚަމްވިކަމަށް ޔަމަންގެ ސަރުކާރުން ބުނެއެވެ. މުކައްލާއަކީ ކުރިން އަލްޤައިދާ ޖަމާޢަތުގެ ބާރުގެދަށުގައިއޮތް ރަށެކެވެ. އެރަށް މިނިވަންކޮށް ޔަމަންގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައީ ސަޢޫދީޢަރަބިއާ އިސްވެއޮވެ އުފައްދާފައިވާ ޢަރަބި އެލަޔަންސްގެ ސިފައިންގެ އެހީތެރިކަމާއެކު މިދިޔަމަހުއެވެ.
މީގެ ދެހަފްތާކުރިންވެސް މުކައްލާގައި ބާރުގަދަ ބޮމެއް ގޮއްވާލާފައިވެއެވެ. އެބޮން ގޮއްވާލުމުގެ ޒިންމާވެސް އުފުލާފައިވަނީ އައިއެސް ޖަމާޢަތުންނެވެ.