ޚަބަރު

ޙައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކް ހުޅުމާލެއާ ވިލިމާލޭގައިވެސް ޤާއިމުކޮށްފި


  • ފުރަތަމަ ފުލޫ ކްލިނިކް ހުޅުވީ އައިޖީއެމްއެޗްގައި

  • ޙައްޖުވެރިން އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ދައްކަން އެދޭ

ޙައްޖުން އަންނަ މީހުންނަށް ޚާއްސަ ފުލޫ ކްލިނިކްތައް ހުޅުމާލެއާ ވިލިމާލޭގައިވެސް ހުޅުވައިފިއެވެ.

ހައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް މިދިޔަ ހަފްތާގައި އައިޖީއެމްއެޗްގައި ވަނީ ހުޅުވާފައެވެ.

މިދުވަސްވަރު ޙައްޖުން އަންނަ މީހުންނަށް ޚާއްސަކޮށްގެން ފުލޫ ކްލިނިކްތައް މާލެ ސަރަޙައްދުގައި ޤާއިމުކުރަނީ އައްމު ސިއްޙަތު ރައްކާތެރިކުރުމުގެ ގޮތުންކަމަށް ސިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ޙައްޖުން އަންނަ ފަރާތްތަކުގެ ކިބައިން ހުމާއި ރޯގާގެ ޢަލާމާތްތަކެއް ފެންނަނަމަ އެކަމަށް ޚާއްސަކޮށްފައިވާ މިކްލިނިކްތަކުން ޚިދުމަތް ހޯދުމަށް އެވުޒާރާއިން އިލްތިމާސްކުރައްވައެވެ.

ސިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ފުލޫ ކްލިނިކްތަކުގެ މަޤްސަދަކީ މިދުވަސްވަރު ފެތުރެމުންދާ ހުމާއި ރޯގާގެ ޢަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދީ ޢާއްމުންގެ ތެރޭގައި ވީހާވެސް ބޮޑަކަށް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. ރައްކާތެރިކަމަށްޓަކައި ބަލި ފެތުރެމުންދާ މިންވަރު އިތުރުވާނަމަ އަދި އިތުރު ސަރަޙައްދުތަކުގައި ފްލޫ ކްލިނިކް ޤާއިމުކުރަމުންދާނެކަމަށްވެސް ސިއްޙީ ވުޒާރާއިން މައުލޫމާތުދެއްވިއެވެ.

ބަލިތައް ފެތުރުން ހުއްޓުވުމަށް ޙައްޖުން އަންނަ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އެގޮތުން ބަލީގެ ޢަލާމާތްތައް ފެނުމުން ފުލޫ ކްލިނިކްތައް ދިޔުމަށާއި، ބަލީގެ ޢަލާމާތްތައް ހުރިނަމަ މީހުންގެ ތެރެއަށް ނިކުމެ ނޫޅުމަށް އިރުޝާދުދެއެވެ. އަދި ޙައްޖުވެރިން ބަލާ އެއަރޕޯޓަށް ދާ މީހުންގެ ޢަދަދު މަދުކުރުމަށްވެސް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.

މިދުވަސްވަރު ހުމާއި ރޯގާއައި ގައިންގަޔަށް އަރާ ބަލިތައް ފެތުރެމުންދާތީ ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށާއި ބަލީގެ އެއްވެސް ޢަލާމާތެއް ހުރިނަމަ މާސްކު އެޅުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.