ދިވެހި އެކައުންޓަންޓުން ރާއްޖެއިން ބޭރުގެ ކުންފުނިތަކުގައި މަސައްކަތްކޮށް އާމްދަނީ ހޯދާތަން ދެކެން ބޭނުންވާކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.
މާލީ ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ކުރިއަށްދާނީ ޖުލައި 3 އަދި 4 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިކޮންފަރެންސް އަމާޒުކޮށްފައިވަނީ ދައުލަތުގެ އިދާރާތަކާއި ކައުންސިލްތަކަށެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވީ ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ގިނަ ސްކޮލަރޝިޕްތަކެއް މި ދާއިރާއިން މިހާރުވެސް ހުޅުވާލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އެކައުންޓަންޓުންނަކީ ބޮޑު އާމްދަނީއެއް ލިބޭ ބައެއް ކަމަށެވެ. އަދި ރާއްޖޭގައިވެސް އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަނީ އެކައުންޓަންޓުން ކަމަށް ވަޒީރު ޑރ. ޝަފީޤް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއިން ބޭރުގެ ކުންފުނިތަކުގައިވެސް ދިވެހި އެކައުންޓަންޓުން މަސައްކަތްކުރާ ދުވަސް ދެކެން ބޭނުންވާކަމަށެވެ.
"ދެކެން ބޭނުންވަނީ ރާއްޖޭގެ އެކައުންޓަންޓުންނަކީ ހަމައެކަނި ރާއްޖޭގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދެކުމެއް ނޫން، ދެކެން ބޭނުންވަނީ އެ އެކައުންޓަންޓުންގެ ފަރާތުން ބޭރުގެ އެކި މަސައްކަތްތައް ތަޖުރިބާ ހޯދުމަށްވެސް އަދި ރާއްޖެއިން ބޭރުން އާމްދަނީ ހޯދުމަށްވެސް މަސައްކަތްކުރާ ބަޔަކަށްވުން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ.ޝަފީޤް ވިދާޅުވީ އިންޓަރނަލް އޮޑިޓުތައް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މިއީ މުޅި ދައުލަތަށްވެސް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އާމްދަނީ ބޭނުންވާ ވަރަށް ލިބޭތޯ، އޮޑިޓްތައް ވަޒަންކޮށްދޭ އެއް ބަޔަކީ ޕްރޮފެޝަނަލް އެކައުންޓަންޓުން، މިއަށްވުރެ އިޚުލާސްތެރި މަސައްކަތެއްކޮށްދޭނަމަ މިހާރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އަޅުގަނޑު ދެކެނީ" ވަޒީރު ވިދާޅުވިއެވެ.
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގައި ރާއްޖޭގެ އޮޑިޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް ހިއްސާ ކުރާނެއެވެ. އަދި އިންޓަރނަލް އޮޑިޓަރުންނަށް ދިމާވާ ގޮންޖެހުންތަކާއި އެމައްސަލަތައް ހައްލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން އަމަލީ ގޮތުން އޮޑިޓްކުރުމާއި އޮޑިޓް ރިޕޯޓުހެދުމުގެ ވޯކްޝޮޕްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް، މާލީ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ އިންޓަރނަލް އޮޑިޓް ނިޒާމަކީ ދައުލަތުގެ ނަމުގައި ހިނގަމުންދާ އެކައުންޓްތަކާއި ފަންޑުތަކާއި، ދައުލަތުގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ބާރުލިބިގެން މާލީ ވުޒާރާއިން ޤާއިމުކޮށްފައިވާ ނިޒާމެކެވެ. ދައުލަތުގެ މުދަލާއި ފައިސާ އަދި ލިޔެކިޔުންތައް ބަލަހައްޓައި، ކަންކަން ކުރިއަށް ދަނީ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށްތޯ ބެލުމަކީ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ޒިންމާއެކެވެ.