ގެދޮރުވެރިކަމާއި ބިމާއި އުމަރާނީ ތަަރައްޤީއާއި ބެހޭ ވުޒާރާ އާއި ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސް ގުޅިގެން "ވިޝަން 2050"ގެ ނަމުގައި މަަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިމަހު 1 އިން 3 އަކަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި އެކި އިދާރާތަކުގެ ފަރާތުން ޒުވާނުންނާއި މަސައްކަތުގެ ތަޖުރިބާކާރުން ބައިވެރިވިއެވެ. އެ ބައްދަލުވުމުގައި މުސްތަޤުބަލުގައި ރާއްޖެ އޮންނާއި ގޮތާއި، ސިޔާސަތުތައް ބައްޓަންކުރަންވީ ގޮތާއި، އެ ސިޔާސަތުތައް ތަންފީޒުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރިއެވެ.
އަދި އެސިޔާސަތުތައް އެކުލަވާލުމުގެ މުހިންމުކަމާއި، ސިޔާސަތުތައް އެކުލަވާލާއިރު އެކި މަރުހަލާގައި ކުރިއަށް ގެންދާނެ ހަރަކާތްތަކާއި ގުޅޭ މުހިންމު މަސައްކަތްތަކަށް ވެސް ވަނީ މި ބައްދަލުވުމުގައި އަލިއަޅުވާލާފައެވެ. އަދި ކުރިމަގުގައި ދިވެހިރާއްޖެ އޮންނާނެ ގޮތާއި، ސިޔާސަތުތައް ރާވާ، ތަންފީޒުކުރުމާއި ގުޅޭގޮތުން، ޚާއްސަކޮށް އެކަންކަމުގައި ޒުވާނުންނަށް އަދާކުރެވޭނެ ދައުރުތަކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި މަަޝްވަރާކުރިއެވެ.
ވިޝަން 2050 މަސައްކަތު ބައްދަލުވުމުގެ އެންމެ ފަހު ދުވަސް ޚާއްސަކޮށްފައިވަނީ 2050 ވަނަ އަހަރުގެ ދިވެހިރާއްޖެ އޮންނާނެ ޙާލަތު ތަޞައްވުރުކޮށް، ބައިވެރިން ގްރޫޕް ހަރަކާތްތަކުގައި ބައިވެރިވެ، ދިރާސާތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވާލައި، ޕްލޭންތައް އެކުލަވާލުމަށެވެ. މި ބައްދަލުވުމުގެ ބައިވެރިންނަށް ސެޓިފިކެޓު ހަވާލުކޮށްދެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމަރާނީ ތަަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަލީ ޚައިދަރު އަޙްމަދުއެވެ.