އެއްވެސް މިންވަރެއްގެ އަނިޔާވެރި އަމަލަަކަށް ދިވެހި ފުލުހުން ހިތްވަރުނުދޭނެ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިހެން ވިދާޅުވެފައި މިވަނީ ފުވައްމުލަކުގައި ފުލުހުން މީހަކު އަނިޔާވެރިކޮށް ހައްޔަރުކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވަނިކޮށެވެ.
މިވީޑިއޯއާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިފާން ވިދާޅުވީ މިފަދަ އެއްވެސް އަމަލަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހަމަތަކުގެ ތެރެއިން އަދި އެޚިދުމަތުން ބަލައިގަންނާނެ އަމަލެއްނޫން ކަމަށެވެ. އަދި އެއްވެސް މިންވަރެއްގެ އަނިޔާވެރި އަމަލަަކަށް ދިވެހި ފުލުހުން ހިތްވަރުނުދޭނެ ކަމަށެވެ.
މިހާދިސާ ތަހުގީގުކުރުމަަށް ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި ފުލުހުން މިހާރު އެދިފައިވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން މެދުވެރިކޮށް މިހާދިސާ އިތުރަށް ބެލުމަށް ފުލުހުންގެ ފަރާތުން އެދޭނެ ކަމަށްވެސް މިޕޯސްޓްގައި ޝިފާންވަނީ ވިދާޅުވެފައެވެ.