ދުނިޔެ

އައިއެސް ހަނގުރާމަވެރިންނަށް އަމާޒުކޮށް ދިން ޙަމަލާއެއްގެ ވީޑިއޯ


އިރާޤުގައި ޙަރަކާތްތެރިވަމުންދާ އައިއެސް ހަނގުރާމަވެރިންނަށް އަމާޒުކޮށް ގުޅިފައިވާ ކޯލިޝަނުން ޙަމަލާދެމުންދާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް އެމެރިކާގެ ދިފާޢީ ވުޒާރާއިން ޢާންމުކޮށްފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްއިން އާންމުކުރި ވީޑިއޯއިން ފެނިގެންދަނީ މޫސަލް ކައިރީގައިވާ ފިއުލް ސްޓޭޝަނަކަށް އަދި ތިގްރިސް ކޯރު ކައިރީގައިވާ އައި.އެސްގެ ދަތުރުފަތުރުކުރާ ބާޖަކަށް ގުޅިފައިވާ ކޯލިޝަނުން މިދިޔަ އޭޕްރިލްމަހު ދީފައިވަކަމަށް ބުނާ ހަމަލާތަކެކެވެ. އައިއެސްއާއި ދެކޮޅަށް މަސައްކަތްކުރާ ކޯލިޝަންއަކީ އެމެރިކާގެ އިސްނެގުމުގެ ދަށުން ހުޅަނގާއި އަރަބި ޤައުމުތަކާއި އިރާޤުގެ އަސްކަރިއްޔާއާއި ކުރުދީ ހަނގުރާމަވެރިން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ކޯލިޝަނެކެވެ.

އަދި މިކޯލިޝަނުން ހިންގާ އެންމެ ބޮޑު އޮޕަރޭޝަނަކީ އައި.އެސްގެ އަތްދަށުގައިވާ މޫސަލް ސަލާމަތްކުރުމަށް ކުރާ މަސައްކަތެވެ. އައި.އެސްއާއި ދެކޮޅަށް ހިންގާ ބައިނަލްއަޤްވާމީ އޮޕަރޭޝަނަށް އެމެރިކާގެ ރައީސްގެ ފަރާތުން ކަޑައަޅާފައި ހުންނަ މަންދޫބު ބްރެޓް މެގާކް ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހު އައި.އެސްގެ އަތްދަށުން ރަމާދީ ސަލާމަތްކުރުމަށްފަހު އިތުރު ސަރަޙައްދުތަކެއް އައިއެސްގެ އަތްދަށަށް ގޮސްފައިނުވާކަމަށެވެ. މެގާކް މިހެން ވިދާޅުވީ ޓެރަރިސްޓް ޖަމާޢަތްތައް ބަލިކުރުމަށް އެކުލަވާލާފައިވާ ކޯލިޝަންގެ މަސައްކަތާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް އުރުދުންގެ ޚާރިޖީ ވަޒީރު ނާސިރް ޖުޑާއާއެކު ބޭއްވެވި ބައްދަލްވުމަކަށްފަހު ޢައްމާންގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޯލިޝަނުން އިރާޤުގެ މޫސަލްއާއި ރައްގާ ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވަމުންދާކަމަށް މެކާގް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޯލިޝަނުން މޮސުލްގައި ހަރަކާތްތެރިވަމުންދާ އައިއެސްގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ސީދާ ޙަމަލާތައް ރައްދުކުރަމުންދާ ކަމަށެވެ. މިގޮތުން ދާދިފަހުން އައިއެސްއިން މޫސަލްގައި ފައިސާ ފޮރުވާފައި ބަހައްޓާފައި ހުރި ތަނެއް ހިފައި، އެތައް ސަތޭކަ މިލިއަން ޑޮލަރު އަތުލައިގަތުމުގެ ސަބަބުން އައިއެސްއިން ހަނގުރާމަވެރިންނަށް ދެމުންދިޔަ ފައިސާގެ ބޮޑު ބައެއް މަދުކުރަންޖެހުނު ކަމަށް މެގާކް ވިދާޅުވިއެވެ.

މެގާކް ވިދާޅުވީ މިކަންތައްތަކުގެ ނޭދެވޭ އަސަރު އައިއެސްއަށް ކުރަމުންދާކަން ވަރަށް ސާބިތުކަމާއި އެކު އެނގެމުންދާ ކަމަށެވެ. މީގެ އިތުރުން ސޫރިޔާގެ ރައްޤާގައި މިދިޔަ އަހަރު އައި.އެސްއާއި ދެކޮޅަށް މަސައްކަތްކުރާ ކޯލިޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި އެޖަމާޢަތުގެ ގިނަ މައުލޫމާތުތަކެއް އެކުލެވޭ ސިސްޓަމްތަކެއް އަތުލައިގަނެވުމުގެ ސަބަބުން އައިއެސްއާއި ދެކޮޅަށް ކުރާ ހަނގުރާމައަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް މެގާކް ފާހަގަކުރެއްވިއެވެ. އަދި ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ ސްޕެޝަލް ފޯސަސްގެ އޮފިސަރުންގެ އަދަދު އިތުރުކުރުމަށް މިދިޔަ މަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ނިންމެވި ނިންމުމުގެ ސަބަބުންވެސް އައިއެސް ބަލިކުރުމަށް ކުރަމުންދާ މަސައްކަތައް ކުރިއެރުން ލިބޭނެކަމަށް މެގާކް ވިދާޅުވިއެވެ.