ދުނިޔެ

ސްޕޭންގެ ޚާރިޖީ ވަޒީރު، ކިޔުބާގެ ޚާރިޖީ ވަޒީރާއި ބައްދަލުކޮށްފި


ކިޔުބާއަށް ވަޑައިގެން އުޅުއްވާ ސްޕޭންގެ ޚާރިޖީ ވަޒީރު ޚޮސޭ މެނުއަލް ގާސިޔާ، ކިޔުބާގެ ޚާރިޖީ ވަޒީރު ބްރޫނޯ ރޮޑްރިގޭޒް އާ ހަވާނާގައި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވީ ސްޕޭންގެ އިންވެސްޓްމަންޓްތައް ކިޔުބާގައި އިތުރުކޮށް ދެގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމާބެހޭގޮތުންނެވެ.

ސްޕޭންއަކީ ކިޔުބާގެ ވިޔަފާރީގެ ތިންވަނައަށް އެންމެ ބޮޑު ބައިވެރިޔާއެވެ. ކިޔުބާއާ ވިޔަފާރީގެ ގޮތުން އެންމެ ބޮޑަށް މުއާމަލާތް ކުރާ ޤައުމަކީ ވެނެޒުއެލާއެވެ. އަދި ދެވަނަ ޤައުމަކީ ޗައިނާއެވެ. އެމެރިކާއާއި ކިޔުބާގެ ގުޅުންތައް ރަނގަނޅުވެގެން ދިޔަފަހުން ސްޕޭނާއި ވިލާތުގެ އެހެން ގައުމުތަކުންވެސް ގެންދަނީ ކުރިޔާ ޚިލާފަށް ކިޔުބާއާ އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ކިޔުބާއާއެކު އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމާ ބެހޭގޮތުން އެޤައުމުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށްޓަކައި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ފިލިޕް ހާމޮންޑްވެސް ދާދިފަހުން ވަނީ ކިޔުބާއަށް ޒިޔާރަތް ކުރައްވާފައެވެ.