ޤަވާއިދާއި ޚީލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީ ޤާނޫނީ ކުށެއް ކަމަށާއި، އެފަދަ މަސައްކަތްކުރުވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ދެއްވައިފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމިގްރޭޝަން ޤާނޫނުގެ ދަށުން ރާއްޖޭގައި ބިދޭސީންނާއެކު ފައިސާ މުޢާމަލާތްތައް ހިންގުމާއި، މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއެއް ލައްވާ އެއްވެސް މަސައްކަތެއް ކުރުވުމަކީޤާނޫނީ ކުށެށްކަމަށެވެ. އަދި މިކަމުގެ އަދަބު ޤާނޫނުން ކަނޑައެޅިފައިވާކަން ޝަމްޢާން ވަނީ ހަނދާންކޮށްދެއްވާފައެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލަ ޝަމްޢާން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިޙްތިޔާރު އިމިގްރޭޝަން ކޮންޓްރޯލަރއަށް އޮންނަ ކަމަށެވެ. އެގޮތުން އެ ފަރާތްތައް 50،000އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަައިނާ ކުރުމާއި، އެ މީހެއްގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ލިބިދޭކަން ޝަމްޢާން ފާހަގަކުރެއްވިއެވެ.
ޤާނޫނު ނަންބަރު: 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެށް. އަދި އެފަދަ ފަރާތްތައް އެ…
— Mohamed Shamaan Waheed (@ShamaanW) July 8, 2024
މިއާއެކު އިމިގްރޭޝަން ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް ޢަމަލު ކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ އިލްތިމާސްކުރައްވާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުގެ އިސްނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ޑޮލަރު ވިއްކުމުގައި ޙަރަކާތްތެރިވާ ބިދޭސީންނާއި، ކޮފީ ޝޮޕެއްތައް ހިންގާ ބިދޭސީންނާއި، މާރުކޭޓު ގޮޅިތަކުގައި ޤަވާއިދާ ހިލާފަށް އުޅޭ ގިނަ ޢަދަދެއްގެ ބިދޭސީންވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ މުއްދަތަކައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ކުރިއަށްގެންދިއުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.