ޚަބަރު

ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު އެމެރިކާގެ ވިޔަފާރިވެރިންނާއި ހިއްސާކޮށްފި


  • އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މިހާރު ހުންނެވީ އެމެރިކާގައި

  • މިއީ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ ދަތުރުފުޅެއް

ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު އެމެރިކާގެ ވިޔަފާރިވެރިންނާއި ހިއްސާކޮށްފިއެވެ.

މިމައުލޫމާތުތައް ހިއްސާކޮށްފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ވަޒީރު މުޙައްމަދު ސަޢީދުވަނީ އެމެރިކާގެ ވިޔަފާރިވެރިންގެ މައި ޖަމްޢިއްޔާ، ޗެމްބާ އޮފް ކޮމާރސްގެ ފަރާތުން އިންތިޒާމުކުރި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. މިބައްދަލުވުމުގައި އެމެރިކާގެ ވިޔަފާރިވެރިން ބައިވެރިވިއެވެ.

ވަޒީރު އެމެރިކާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ އެންމެ މުހިއްމު ބޭނުމަކީ، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުންތައް ވަރުގަދަކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމެވެ.

އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު އެމެރިކާއަށް ދަތުރުފުޅެއް ފަށްޓަވާފައިވާއިރު، ދިވެހިރާއްޖޭގައި ޕޭޕެލްގެ ޚިދުމަތް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް އެމެރިކާ ސަރުކާރާއެކު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިއަހަރުގެ މެއި މަހު ވަޒީރުވަނީ ވިދާޅުވެފައެވެ.

ޕޭޕެލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ. މި އެޕްލިކޭޝަން ދިވެހިރާއްޖޭގައި ވަރަށް ގިނަ ފަރާތްތަކުން ބޭނުންކުރެއެވެ. ނަމަވެސް ރާއްޖޭގައި ޕޭޕެލް މިވަގުތު ބޭނުންކުރެވެނީ ހަމައެކަނި ބޭރުގެ ފަރާތަކަށް ފައިސާ ފޮނުވުމަށެވެ. އެހެންކަމުން ދިވެހިންނަށް ޕޭޕެލް މެދުވެރިކޮށް ފައިސާ ލިބިގަނެވޭނެގޮތްކެއް ހޯދުމަށް މަޝްވަރާކުރައްވާނެއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ދިވެހިންނަށް އޮންލައިން ޕޭމަންޓު ސިސްޓަމްތައް ނުވަތަ އީ-ވޮލެޓުތައް މެދުވެރިކޮށް މާލީ މުޢާމަލާތްތައް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ. މިހެންވެ ތަފާތު އީ-ވޮލެޓުތައް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.