ސޫރިއާގައި ޖަލު ޙުކުމެއް ތަންފީޒުކުރުމަށްފަހު ރާއްޖެ ނާދެވިފައި ހުރި ދިވެއްސަކު ސޫރިއާގައި ނިޔާވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ އޭނާ ނިޔާވީ ސިއްޙީ މައްސަލަތަކެއް ކުރިމަތިވެގެންކަމަށާއި، މައްޔިތާގެ ޖަނާޒާގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންގެންދާކަމަށެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ ނިޔާވި މީހާއަކީ ސޫރިޔާގައި 10 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދިޔަ ފަރާތެއްކަމަށާއި، ޖަލު ޙުކުމް ނިމިފައިވީނަމަވެސް އޭނާއަށް ރާއްޖެ ނާދެވިފައިހުރީ އިދާރީ މައްސަލަތަކަކާހުރެ ސޫރިއާގެ ކަމާބެހޭ ފަރާތްތަކުން އޭނާ އެޤަޢުމުން ފުރުމަށް ހުއްދަ ދީފައިނުވާތީކަމަށެވެ.
ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވާ ގޮތުގައި އޭނާ ޖަލަށްލުމަށް ހުކުމް ކުރީއްސުރެ އޭނާގެ ޙާލުބަލާ އަދި އޭނާ އާ ބެހޭ މަޢުލޫމާތު ޢާއިލާއާ ޙިއްސާ ކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ދިޔައީ ކުރަމުންނެވެ.