ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝަރީފް ނިޔާވެއްޖެ


  • ޝަރީފަކީ އޯޒެން ރިޒާވް ބޮލިފުށީގެ ވެރިޔާ

  • ޝަރީފް ނިޔާވުމާ ގުޅިގެން ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންދަނީ ހިތާމަފާޅުކުރަމުން

ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޙުސައިން ޝަރީފް ނިޔާވެއްޖެއެވެ.

ޝަރީފް ނިޔާވުމާ ގުޅިގެން ވަޒީރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކުންދަނީ ހިތާމައިގައި ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމުންނެވެ. އެގޮތުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޙުސެއިން ޝަރީފަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. ވަޒީރުވަނީ ޝަރީފްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.

ޙުސައިން ޝަރީފް ނިޔާވުމާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ ޝަރީފާއެކު ބޭއްވެވި ބައްދަލުވުމުގެ ވާހަކަތައް ހިއްސާކުރައްވާފައެވެ. ވޒަީރު ޝަހީމް ވިދާޅުވީ ޝަރީފަކީ ޚުލްޤު ހެޔޮ ދީލަތި ބޭފުޅެއްކަން އެބައްދަލުވުމުން އެނގިވަޑައިގަތް ކަމަށެވެ. ޝަރީފާއެކު ބޭއްވި ބައްދަލުވުމުގައި މާލޭ އިބްރާހީމް މިސްކިތް އަލުން ބޮޑުކޮށް ޤުއްބުލާފައި ތަރައްޤީކުރުމަށް ޝަރީފް ހުށައަޅާފައިވާއިރު އެޕްރޮޕޯސަލްއަށް ސަރުކާރުން ރުހުން ދެއްވާފައިވާކަންވެސް ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ.

އަދި އެދުވަހުގެ މަޝްވަރާތަކުގައި ރާއްޖޭގައި އިތުރު މިސްކިތެއް އަޅަން ބޭނުންވާކަމަށް ވިދާޅުވުމުން އެކަމުގެ މަޢުލޫމާތު އޮޅުންފިލުއްވާ އެކަމަށް ވަގުތުން އީޖާބީ ޖަވާބެއް ދެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އެއީ ޝަރީފާ އަލަށް ބައްދަލުވީ ދުވަސް ނަމަވެސް އެދުވަހު ޝަރީފްގެ އަޚްލާޤާއި ދީލަތިކަން އަދި ޚުލްޤު ހެޔޮކަން ފާހަގަވިކަމަށެވެ. އަދި ޝަރީފަށްޓަކައި މާތްﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވުން އެދި ވަޒީރުވަނީ ދުޢާކުރައްވާފައެވެ.

ޝަރީފަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ބްރޭންޑެއް ކަމަށްވާ އޯޒެން ރިޒާވް ބޮލިފުށީގެ ވެރިޔާއެވެ. ޝަރީފް މަޝްހޫރުވެފައިވަނީވެސް އެރަށުގެ ނަން ކަމަށްވާ ބޮލިފުށި، ޝަރީފްގެ ގޮތުގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޝަރީފް ނިޔާވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށެވެ.