ޚަބަރު

ކަޝްމީރުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާން ފެތުރުމުގެ ބިރު


އިންޑިޔާގެ ޖަންމޫ ކަޝްމީރުގެ ޖަންގަލިތަކުގައި އަނދަމުންދާ އަލިފާންގަނޑު އިތުރަށް ބޮޑުވެ ފުޅާވުމުގެ ބިރުއޮތުމުން އެއަލިފާންގަނޑު ނިއްވާލުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވާނެކަން އިންޑިޔާ ސިފައިން ހާމަކޮށްފިއެވެ.

އިންޑިޔާގެ ސިފައިންގެ ލަޝްކަރުތަކުން ނެރުނު ބަޔާނެއް ބުނީ ޖަންމޫ ކަޝްމީރުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް މަސައްކަތްކުރާ ފަރާތްތަކަށް މިހާރުވެސް އެއްބާރުލުން ދެމުން ގެންދާކަމަށާ އަދި އެކަމުގެ ނުރައްކާ ބޮޑުވެ ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގެ ތެރެއަށް ސިފައިން ސީދާގޮތެއްގައި ވަންނާނެ ކަމަށެވެ.

ޖަންމޫ ކަޝްމީރުގެ ޖަންގަލިތަކުގައި މިދިޔަ ހަފްތާގައި އަލިފާން ރޯވީ އެސަރަޙައްދުގެ ފިނިހޫނުމިން 40 ޑީގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދިޔުމާ ގުޅިގެންނެވެ.

ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ކަމާބެހޭ ތަޖްރިބާކާރުންގެ ޓީމުތަކުން މަސައްކަތް ކުރަމުން ގެންދާއިރު އަލިފާންގަނޑު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އަލިފާންގަނޑު އިތުރަށް ފެތުރިގެންދިޔުމުގެ ފުރުސަތު ބޮޑުކަމަށް ކަޝްމީރުގެ ލޯކަލް ސަރުކާރުން ބުނެއެވެ.