ޚަބަރު

އޮޕަރޭޝަނަށް ގެނައި ބަދަލާއެކު މިފްކޯގެ ބޯޓު ފަހަރުތަކަށް މަސްކިރުވުމަށް ބޮޑު ލުޔެއް


  • ކޫއްޑޫގައި އޮޕަރޭޓް ކުރަމުން ދިޔަ 4 ބޯޓު ދެން އޮޕަރޭޓް ކުރާނީ ފެލިވަރުން

  • ޖާޒީރާ 102 ދެކުނަށް ބަދަލު ކުރުމުން ފްރީޒިން ކެޕޭސިޓީ އިތުރުވާނެ

މިފްކޯއަށް ކަޅުބިލަމަސް ގަތުމަށް ބޭނުންކުރާ އެކުންފުނީގެ ބޯޓުފަހަރުގެ އޮޕަރޭޝަނަށް ގެނައި ބަދަލާއެކު މަސްކިރުވުމުގައި މަސްވެރީންނަށް ދިމާވާ ބައެއް ތަކުލީފުތަކަށް މިހާރު ލުއި ލިބިގެންދާނެކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ ރާއްޖޭގެ ދެކުނުގައި މަސްގަނެ، ލޮނުފެނުގައި މަސްފިނިކުރާ 27.5 ޓަނުގެ ޖާގައިގެ ބޯޓުފަހަރުތަކުގެ ތެރެއިން ރަންދި 23، 24، 25 އަދި 26 އަކީ ފެލިވަރުން އޮޕަރޭޓް ކުރާ ބޯޓުތަކެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެ ހަތަރު ބޯޓުވެސް ކުރިން އޮޕަރޭޓް ކުރަމުންދިޔައީ ކޫއްޑޫއިންނެވެ. އަދި ފެލިވަރުން އޮޕަރޭޓު ކުރަމުންދިޔަ ޖަޒީރާ 102 ދެން އޮޕަރޭޓް ކުރާނީ ކޫއްޑޫ ސައިޓުން ކަމަށް މިފްކޯއިން ބުނެއެވެ. އެއީ ދުވާލަކު 100 ޓަނު މަސްފިނިކުރެވޭ ވަރުގެ ބޯޓެކެވެ.

މިކަމާގުޅޭގޮތުން މިފްކޯގެ އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒާހިރު ވިދާޅުވީ، ފެލިވަރުގައި ކޭނިންގް ފެކްޓަރީ ހުރުމާއިއެކު އެތަނަށް ތާޒާ މަސް ހޯދުމަކީ އެކުންފުނީގެ މަޤްޞަދެއް ކަމަށެވެ. އަދި މި ހަތަރު ބޯޓް އުތުރަށް ބަދަލުކުރުމުން އިތުރު ބަނދަރުތަކެއްގައި މަސްގަންނަ ބޯޓު ބޭއްވޭނެ ކަމަށާއި، މިކަމުގެ ސަބަބުން އުތުރުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ މަސްވެރީންނަށް މަސްކިރޭނެ ކަމުގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

ޒާހިރު ވިދާޅުވީ، ދެކުނުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ރަންދި ސީރީޒްގެ ކުޑަ ބޯޓަކަށް އެންމެ ދޯންޏެއްގެ މަސްވެސް ނުކިރޭކަމަށާއި، އެހެން ނަމަބެސް ޖަޒީރާ-102 ދެކުނަށް ބަދަލުކުރުމުން އެ ސަރަހައްދުގައި ފްރީޒްކުރެވޭ މަސް އިތުރުވެގެންދާނެކަމުގައެވެ. އަދި އެކަމުގެ ސަބަބުން މަސްވެރި މޫސުމުގައި އޮޑިދޯނިފަހަރުތަކުން މަސްކިރުމަށް ހަދާ ކިއު ކުޑަވެގެންދާނެ ކަމަށެވެ.

މިފްކޯއިން ޤަބޫލު ކުރާ ގޮތުގައި، މި ބަދަލާއެކު ޒުވާނުންނާއި، މަސްވެރިކަމުގެ ސިނާއަތާއި އަލަށް ގުޅެން ބޭނުންވާ އާންމު ފަރުދުންގެ މެދުގައި މި ސިނަޢަތައް އޮތް ޝައުޤުވެރިކަން އިތުރުވެ މަހަށްފުރުމުގެ ޝައުޤުވެރިކަން އިތުރުވާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯގެ ފްލީޓާއި އެންމެ ފަހުން ގުޅުނު ޖަޒީރާ 106 އާއި ޖަޒީރާ 105 ވެސް މަސްގަތުމުގައި ހަރަކާތްތެރިވާކަމަށާއި، ދާދި އަވަހަށް ޖަޒީރާ 104 ވެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން ޖަޒީރާ 104 އޮތީ މިހާރު މާލޭގެ ބަނދަރުގައި ކަމަށާއި، އެބޯޓަށް މަސްގަތުމުގެ އެންމެ ފަހުގެ ތައްޔާރީތަށް ވަމުން އަންނަކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ދެކޭގޮތުގައި އެކުންފުނިން މަސްގަންނަ ފްލީޓަށް ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުން ފެށޭއިރު، 150 ޓަން އިތުރަށް ފްރީޒް ކުރެވޭނެއެވެ.

މިފްކޯއިން މިހާރު އޮޕަރޭޓް ކުރަމުންދާ ފްލީޓުގައި ކެރިއަރ ވެސަލްވެސް އޮވެއެވެ. އަދި މަސްކިރުމުގެ އޮޕަރޭޝަންގައި މިވަގުތު 13 ބޯޓު ހަރަކާތްތެރިވާއިރު، އެ ބޯޓުފަހަރުތަކަށް ކިރުވާ މަސް ސައިޓަށް ގެންދިޔުމުގައި މަދަރ ވެސެލްގެ ގޮތުގައި 5 ބޯޓު ދަނީ ހަރަކާތްތެރިވަމުންނެވެ.