ޚަބަރު

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މީގެ ތެރެއިން 8 މީހުންނަކީ ގަރާޖެއް މަތީ ކާބޯތަކެތީގެ ޑެލިވަރީކުރަމުންދިޔަ ބައެއް

  • ގަރާޖުން 3 މީހުން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދިޔަ

  • މިއީ އަލައް ތަޢާރަފް ކުރި އިމިގްރޭޝަން ވޮޗް އަށް ރިޕޯޓް ކުރި މައްސަލައެއް

ބުދަ ދުވަހު ތަޢާރަފް ކުރި "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އިމިގްރޭޝަނުން ޤަވާއިދާއި ޙިލާފަށް ބިދޭސީން އުޅުނު ތަނެއް ބަލާ ފާސްކޮށް 11 ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ބިދޭސީ ބަޔަކު ހުޅުމާލޭ ގަރާޖެއްގެ މަތީގައި ހިންގަމުންދާ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނަކާއި ގުޅިގެން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ މަޢުލޫމާތާއެކު އެތަން ބަލާފާސްކުރެވުނު ކަމަށެވެ.

އެގޮތުން އިމިގްރޭޝަން އޮފިސަރުން އެތަން ބަލާ ފާސްކުރަން ދިޔައިރު ބިދޭސީން ދިޔައީ އެތަން ރޫޅާލާ ސާފުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވަނީ އެތަނުގައި ތިބި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި ބިދޭސީ 8 މީހަކާއި ގަރާޖުން 3 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިތަނުގެ ވާހަކަ މީގެ ކުރިން ސޯޝަލް މީޑިއާގައިވެސް ދައުރުވިކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.


އިމިގްރޭޝަނުގެ ފަރާތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެފަރާތުން ވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރުމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފަށާފައިވާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން 42 ތަނެއް ރެއިޑް ކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި ރެއިޑްތަކުގެ ތެރެއިން 118 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 2070 އެއްހައި ބިދޭސީން ފުރުވާލާފައިވާކަމަށް އެ މުޢައްސާސާއިން ހާމަކުރެއެވެ.


ޤަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަން ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް ބުދަ ދުވަހު ތަޢާރަފްކޮށްފައެވެ. އިމުގަ ޕޯޓަލް މެދުވެރިކޮށް ރިޕޯޓްކުރެވޭ ގޮތަށް ތަޢާރަފް ކުރެވުނު މި ޕްލެޓްފޯމްގެ ތެރެއިން ކާކުކަން ނެނގޭގޮތަށްވެސް މައްސަލަތައް ރިޕޯޓް ކުރެވޭނެއެވެ.