ޚަބަރު

ބަންގްލަދޭޝްގައި ތިބި ދިވެހީން ސަމާލުވުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރައްވައިފި


  • އެޤައުމުގައި ތިބި ކިޔަވާކުދިންގެ ސަލާމަތާއި ރައްކާތެރިކަށް ކަށަވަރުކުރަމުންދާކަމަށް ވިދާޅުވި

  • ބަންގްލަދޭޝްގެ ސަރުކާރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް ވިދާޅުވި

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެޤައުމުގައި ދިރިއުޅޭ ދިވެހީންނާއި އެޤައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ރާއްޖޭގެ ޚާރިޖީ އިލްތިމާސްކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިދުވަސްވަރު ބަންގްލަދޭޝަށް ދަތުރުކުރާ ފަރާތްތަކުން އަދި އެޤައުމުގައި ދިރިއުޅޭ ދިވެހީން، ބަންގްލަދޭޝްގެ ސަރުކާރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް މިދުވަސްވަރު ބޭރަށް ނިކުމެ ނޫޅުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދެއްވާ އިރުޝާދުގެ މަތިން ޢަމަލުކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައިވަނީ މިދަނޑިވަޅުގައި އެޤައުމުގައި ތިބި ކިޔަވާކުދިންނާއި އެޤައުމުގައި ދިރިއުޅޭ ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި މިދަނޑިވަޅުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ބަންގްލަދޭޝަންގައި ހުރިނަމަ އެޤައުމުގައި ހުރި ދިވެހި ހައި ކޮމިޝަނަށް ގުޅުމަށްވަނީ އަންގަވާފައެވެ.

ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ސިޔާސަތުތަކާ ދެކޮޅަށް އެ ޤައުމުގައި އަންނަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރާ ދަރިވަރުންނެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 12އަށް އުފުލިފައެވެ.

މުޒާހަރާތައް ހުއްޓުވަން ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް, ރަބަރު ވަޒަނާއި ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް ޙަމަލާ ދެމުންނެވެ. މުޒާާހަރާގެ ބައިވެރިން ވެސް ދަނީ ލަކުޑިބުރި ފަދަ ހަތިޔާރު ބޭނުން ކޮށްގެން ފުލުހުންނާ ކުރިމަތިލަމުންނެވެ. ބަންގްލަދޭޝްގެ ވެރިކަން ކުރާ އަވާމީ ލީގް ޕާޓީގެ ޢާންމު މެންބަރުން ވެސް ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ނިކުމެ, ހަމަނުޖެހުން ހިންގަން ފަށާފައެވެ.