ދުނިޔެ

ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ މެދުގައި ކުރިމަތިލުންތަކެއް


ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ އިރުމަތީ ސަރަޙައްދުތަކުގައި އެޤައުމުގެ އިދިކޮޅު ޖަމާޢަތްތަކުގެ މެދުގައި އަސްކަރީ ކުރިމަތިލުންތަކެއް ހިނގަމުން އެބަދެއެވެ. ސީރިޔަން އޮބަޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް އިން ބުނީ މިކުރިމަތިލުންތައް ހިނގަމުންދަނީ ސޫރިޔާގެ އިދިކޮޅު ޖަމާޢަތެއް ކަމަށްވާ އާމީ އޮފް އިސްލާމް ޖަމާޢަތާއި އައްރަޙްމާން ބްރިގޭޑް އާ ދެމެދުގައި ކަމަށެވެ. 

މިދިޔަ ހޯމަދުވަހުން ފެށިގެން ކުރިޔަށްދާ މިކުރިމަތިލުންތަކުގައި މިހާތަނަށް ފަންސާސް މީހުން މަރުވެފައިވާކަމަށްވެސް ސީރިޔަން އޮބަޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް އިން ބުނެއެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކުންދަނީ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށްވެސް ހަނގުރާމަކުރަމުންނެވެ. ބައްޝާރުގެ ސަރުކާރުގެ މައްޗަށް ކާމިޔާބު ހޯދުމުގައި އެޖަމާޢަތްތައް ނާކާމިޔާބުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މި  އަރާރުންތައް ހިމެނޭކަމަށް ތަޖްރިބާކާރުން ދެކެއެވެ. 

ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ފަސް އަހަރު ވެފައިވާއިރު އެޤައުމުގެ ރައްޔިތުންގެ ތެރެއިން ތިންލައްކައެއްހާ މީހުންވަނީ މިހަނގުރާމައިގާ މަރުވެފައެވެ. މީގެއިތުރުން މިހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ބޮޑުބައެއް ހަލާކުވެ އަދި އެޤައުމުގެ ރައްޔިތުންގެ ތެރެއިން ދިހަ މިލިޔަނެއްހާ މީހުން ވަނީ ހާލުގައި ޖެހިފައެވެ.