ޚަބަރު

ބައި-އިލެކްޝަންގައި ވޯޓުލީ %26.91 މީހުން، ތަރުހީބު ވަރަށް ކުޑަ!


  • 6 ދާއިރާއެއްގައި ބައި-އިލެކްޝަން ބޭއްވި

  • ވޯޓުލުމުގެ ހައްގު ތޭރެ ހާހަށްވުރެ ގިނަ މީހުންނަށް ލިބޭ

  • ވޯޓުލީ 3528 މީހުން

މިއަދު ބޭއްވި 6 ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލީ 26.91 އިންސައްތަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެއީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ 13112 މީހުންގެ ތެރެއިން 3528 މީހުންނެވެ.

މި އިންތިޚާބުގައި ޖުމްލަ 9584 މީހުން ވޯޓު ލާފައި ނުވެއެވެ. އެއީ 73.09 އިންސައްތައެވެ.

މި އިންތިޚާބުގައި ވޯޓުލީ 1647 ފިރިހެނުންނާއި 1881 އަންހެނުންނެވެ.

އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ މި އިންތިޚާބުގެ ތަރުހީބު ކުޑަކަން ފާހަގަކުރައްވާފައެވެ. ހެނދުނު 08:00ގައި ފެށި ބައި އިލެކްޝަންތަކުގެ ވޯޓުލުން ބަންދުކުރީ ހަވީރު 16:00ގައެވެ. އަދި މިހާރު ކުރިއަށްދަނީ ވޯޓު ގުނެ ނަތިޖާ އިއުލާންކުރުމަށެވެ.

އިންތިޚާބު ބޭއްވި ދާއިރާތައް:


• ހެންވޭރު ހުޅަނދު ދާއިރާ
• މައްޗަންގޮޅި މެދު ދާއިރާ
• ހުޅުމާލެ ދާއިރާ
• ކުޅުދުއްފުށި އުތުރު ދާއިރާ
• ރަސްމާދޫ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑި
• ބިލެތްދޫ ކައުންސިލްގެ ރައީސް

ބައި އިލެކްޝަން ބޭއްވި ގިނަ ދާއިރާތަކަކީ އެ ދާއިރާތަކުގައި ތިއްބެވި ކައުންސިލް މެންބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމާއި ގުޅިގެން އެދާއިރާތަކުގެ ގޮނޑި ހުސްވުމުން ބޭއްވި އިންތިޚާބުތަކެވެ.