މާލެ ސަރަޙައްދުގައި މުދާ އުފުލާ ގަޑިތަކަށާއި ކުނި އުފުލާ ގަޑިތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މި ބަދަލު ގެނައުމަށް ސަރުކާރުން ނިންމަވާފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. "މާލެފަހި" މަޝްރޫޢުގެ ދަށުން މާލޭގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށްވަނީ މުހިންމު ގިނަ ބަދަލުތަކެއް ގެނައުމަށް ނިންމަވާފައެވެ.
މިގޮތުން މާލެ ސަރަޙައްދުގައި މުދާ އުފުލާ ވަކި ގަޑިތަކެއް ނެތުމުގެ ސަބަބުން ސްކޫލް އަދި އޮފީސްތަކަށް މީހުންދާ ގަޑިތަކުގައި މަގުތައް ބަންދުވެ ގިނަ ފަރާތްތަކަކަށް އޭގެ ތަކުލީފުތައް ކުރިމަތިވެއެވެ. އެހެންކަމުން މިކަމަށް ޙައްލެއް ގެނައުމަށް ގިނަ މަޝްވަރާތަކަކަށްފަހު ސަރުކާރުން ނިންމަވާފައިވަނީ ވަކި ސައިޒަކަށްވުރެ ބޮޑެތި ވެހިކަލްތައް ބޭނުންކޮށްގެން މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅާގޮތަށެވެ.
އެގޮތުން ކަނޑައެޅޭ ވަކި ސައިޒެއްގެ އުޅަނދުތައް ބޭނުންކޮށްގެން މުދާ އުފުލުން ރޭގަނޑު 8 އިން ފަތިހު 5 އަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ. މީގެ ސަބަބުން މަގުމަތީގެ ތޮއްޖެހުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.
މީގެއިތުރުން މަގުތަކުގެ ތޮއްޖެހުން އެންމެ ބޮޑުވާ އެއް ސަބަބަކީ އިރުއޮއްސުމަށްފަހު މާލޭގެ އެކި ސަރަޙައްދުތަކުގައި ކުނި ނެގުމަށް ވެމްކޯގެ ބޮޑެތި ވެހިކަލްތައް މަދުކުރަންޖެހުމުންކަމަށް ގިނަ ބަޔަކު ދެކެއެވެ.
އެހެންކަމުން މިކަމަށް ޙައްލެއް ގެނައުމަށް މާލެ ސަރަޙައްދުގައި ކުނި ނަގާ އުޞޫލަށް ބަދަލު ގެނެސް ކޮންމެ ރެއެއްގެ 10 އަކުން ފަތިހު 5 އަށް ބަދަލުކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ޙަކަތައާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.
މާލެފަހި ޕްރޮގްރާމްގެ ދަށުން މި ދެ މަސައްކަތްވެސް އޯގަސްޓް މަހުގެ ފުރަތަމަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ދެ ބަދަލުވެސް ކުރިއަށްއޮތް 6 މަސްތެރޭގައި އެއްކޮށް ތަންފީޒުކުރުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ގިނަ ބަދަލުތަކެއް ގެނައުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. އަދި މިކަން ކުރުމުގައި ކަމާއި ގުޅުންހުރި އިދާރާތަކާއި އަދި ޢާއްމުންގެ އެއްބާރުލުން ދެއްވުމަށް ސަރުކާރުންވަނީ އެދިފައެވެ.