ޑިލްމާ ރުސޭފް ރައީސްކަމުގެ މަޤާމުން ދުރުކުރުމާއި ގުޅިގެން ބްރެޒިލްގެ މަގުތަކަށް ނިކުމެ ގިނަ އަދަދެއްގެ ބަޔަކު އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ.
ބްރެޒިލްގެ ސައު ޕައުލޯގައި ރޭ މުޒާހަރާ ކުރަމުންދިޔަ މީހުން ގޮވަމުންދިޔައީ ރުސޭފް އަނބުރާ ވެރިކަމަށް ގެނައުމަށާއި، މިހާރު އޮތް ވެރިކަން ގަބޫލް ނުކުރާނެ ކަމަށެވެ. އަދި ރުސޭފް މަޤާމުން ދުރުކުރުމަކީ ހިންގި ބަޣާވާތެއް ކަމުގައިވެސް މުޒާހަރާ ކުރަމުންދިޔަ މީހުން ބުނަމުންދިޔައެވެ.
ބްރެޒިލްގެ ކުރީގެ ރައީސާ ޑިލްމާ ރުސޭފް، ރައީސްކަމުގެ މަޤާމުން އެއްފަރާތް ކުރުމަށް އެޤައުމުގެ ކޮންގްރެސްއިން ނިންމުމާ ގުޅިގެން، ނައިބު ރައީސް މިޝައިލް ޓެމަރ ބްރަޒީލްގެ ރައީސްކަމަށް ވަނީ ވަގުތީ ގޮތުން ޙަވާލުވެވަޑައިގެންފައެވެ.
ބްރަޒީލްގެ ވަގުތީ ރައީސެއްގެ ގޮތުން މިޝައިލް ޓެމަރ މަޤާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ވަނީ ކެބިނެޓްގެ މުހިއްމު މަޤާމުތަކަށް ބަދަލުތަކެއްވެސް ގެންނަވާފައެވެ. އަދި މިކަމާގައި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ޓެމަރއަށް ވަނީ އަމާޒުވެފައެވެ. މިގޮތުން މިހާރުގެ ކެބިނެޓްގައި ތިއްބެވީ ހުސް ފިރިހެން ބޭފުޅުން ކަމަށާއި ކެބިނެޓްގައި ކަޅު ނަސްލުގެ އެއްވެސް ބޭފުޅަކު އަދި އަންހެން ބޭފުޅަކުވެސް ނުހިމެނޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ފާޑުކިޔަން ފަށާފައެވެ.
މަގާމުން އަޒުލުކުރުމާ ގުޅިގެން ޑިލްމާ ވިދާޅުވީ ވެރިކަމުގައި ހުންނެވި ދުވަސްވަރު އެކަމަނާއަށްވެސް ކުށްތަކެއް ކުރެއްވިފައިވާ ކަމަށާ ނަމަވެސް ގާނޫނާ ޚިލާފުވެފައިނުވާނެ ކަމަށެވެ. އަދި ބްރަޒީލްގެ ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ހޯއްދަވާ ދެއްވުމަށް މަސައްކަތްކުރެއްވި ކަމަށާ އެއްވެސް ކަމެއްގައި ޚިޔާނާތުގެ ޢަމަލެއް ހިންގަވާފައި ނުވާނެކަމަށްވެސް ޑިލްމާ ވިދާޅުވިއެވެ. އަދި ޑިލްމާ މަޤާމުން ދުރުކުރުމަށް ކޮންގްރެސްގައި ހިންގި ކަންތައްތައްތަކީ ސިޔާސީ މަޤްސަދުތަކެއްގައި އެކަމަނާ ވެރިކަމުން ދުރުކުރުމުގެ ބޭނުމުގައި ބަޔަކު ދުރާލައި ރާވައިގެން ހިންގި ކަންތައްތަކެއް ކަމަށްވެސް ޑިލްމާ ތުހުމަތު ކުރެއްވިއެވެ.
ބްރަޒިލްގެ ކޮންގްރެސްއިން އެޤައުމުގެ ރައީސާ ޑިލްމާ ރުސޭފް، މަޤާމުން އެއްފަރާތް ކުރުމަށް ނިންމީ އެކަމަނާ ސިޔާސީ މަޤްސަދެއް ޙާސިލް ކުރުމަށްޓަކައި އެޤައުމުގެ ބަޖެޓާބެހޭ ގާނޫނާ ޚިލާފްވި މައްސަލާގައެވެ. ޑިލްމާ ރައީސްކަމުގެ މަޤާމުން އެއްފަރާތްކޮށް އެކަމަނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ބްރަޒީލްގެ ކޮންގްރެސްގައި ހިމެނޭ 2 ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމުމާ ގުޅިގެން މިދިޔަ ހަފްތާގައި އެކަމަނާވަނީ 6 މަސްދުވަހުގެ މުއްދަތަށް ވެރިކަމުން އަޒުލުކޮށްފައެވެ. އަދި ޑިލްމާ ގާނޫނާ ޚިލާފްވެވަޑައިގެންނެވި މައްސަލާގައި އެކަމަނާގެ މައްޗަށް ޝަރީއަތް ހިންގުމުގެ ކަންތައްވެސް މިމުއްދަތުގައި ބްރަޒީލްގެ ކޮންގްރެސްއިން ކުރިޔަށްގެންދާނެއެވެ. ޑިލްމާގެ މަޤާމުން އެއްފަރާތްކޮށް ވެރިކަމުން އަޒުލުކުރުމަށް ބްރަޒީލްގެ ކޮންގްރެސްއިން ނިންމި ނިންމުމާ ގުޅިގެން އެކަމަނާގެ ޕާޓީކަމަށްވާ ވާތުފިޔައިގެ ލޭބަރ ޕާޓީގެ 13 އަހަރުވީ ވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ. ޑިލްމާ އަކީ ފާއިތުވި ފަންސަވީހަކަށް އަހަރު ތެރޭގައި ބްރަޒީލްގައި މަގާމުން އަޒުލުކުރި ފުރަތަމަ ރައީސާއެވެ.