ރައްޔިތުން މަޖިލީހުގެ މެންބަރުން އަދަދު މަދު ކުރުމަށް ހުށަހެޅި ހުށަހެޅުމަށް ތާއީދު ކުރާ ކަމަށް ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުން ހާމަކޮށްފިއެވެ. މިކަން ޕާޓީތަކުން ހާމަކޮށްފައިވަނީ މެންބަރުންގެ އަދަދު މަދު ކުރުމާއި ގުޅޭ ޤަރާރަށް މަޖިލީހުގެ މިނިވަން މުޢައްސާތަކާއި ގުޅޭ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
މަޖިލީހުގެ މެންބަރުން އަދަދު މަދު ކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާޢުއެވެ.
ޝުޖާޢު ހުށަހެޅުއްވި ގަރާރުގައި ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން، ކޮންމެ ފަސް އަހަރަކުން މަޖިލީހަށް މެންބަރުންގެ ޢަދަދު އިތުރުވަމުންދާކަމަށް ބަޔާންކޮށްފައެވެ. އަދި އާބާދީ އިތުރުވަމުން އަންނަ ނިސްބަތުން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނައިރު މިކަމަށް މަޖިލީހުން ހައްލެއް ހޯދަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް މެންބަރު ވިދާޅުވިއެވެ.
މިމައްސަލައިގައި ޕާޓީތަކުގެ ޚިޔާލު ހޯދުމަށް މިނިވަން މުޢައްސަސާތަކާއި ގުޅޭ ކޮމިޓީއަށް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީ ވަނީ ހާޒިރުކޮށްފައެވެ. ޤަރާރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަރުކާރު ހިންގާ ޕާޓީ ތަމްސީލް ކުރާ މެމްބަރެއް ކަމަށްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ މިކަން ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޤާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.
ޝުޖާޢު ވިދާޅުވީ މިކަމާއި ގުޅޭގޮތުން ޕާޓީތަކުން ދެކޭގޮތް ލިއުމުން ހޯދައި، ކަމާއި ގުޅޭ އެހެން ހުރިހާ މުޢައްސަސާތަކާވެސް މަޝްވަރާ ކުރަން ޖެހޭކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު އޮންނަ ގޮތަށް ކޮންމެ 5000 މީހަކަށް މެންބަރެއް ކަނޑައަޅާފައިވަނީ، ޤާނޫނު އަސާސީ އޭރު އިސްލާހު ކުރެވުނު އިރު ހުރިހާ ރައްޔިތުންގެ އަޑު ޤާނޫނު ހެދުމުގައި އިއްވޭނެ ކަމަށް ނުބެލެވޭތީ ކަމަށެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށާއި ޓެކްނޮލޮޖީގެ ފަހި މި ޒަމާނުގައި އެކަން ކުރޭވޭނެ ގޮތްތަކެއް ހުރިކަން ޝުޖާޢު ފާހަގަ ކުރެއްވިއެވެ.
ޝުޖާޢު ވިދާޅުވީ މިކަމުގައި ސިޔާސީ ވިސްނުން އެއްކިބާކޮށް ޕާޓީތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
" މިމަސައްކަތް ހުރިހާ ޕާޓީތައް ގުޅިގެން ކުރަން އެބަޖެހޭ. ސިޔާސީ ވިސްނުން މިކަމުގައި އެއްކިބާކޮށް ޤައުމީ މަސައްކަތެއްގެ ގޮތުގައި މިކަން ދެކިގެން މިކަން ކުރަން ޖެހޭ " ޝުޖާޢު ވިދާޅުވިއެވެ.
މިމައްސަލާގައި އެމްޑީޕީންވެސް ބުނީ، އަދަދު މަދުކުރުން ނުވަތަ ކެޕް ކުރަން އެޕާޓީން އެއްބަސްވާ ކަމަށެވެ. އެމްޑީޕީގެ ފަރާތުން ކޮމެޓީގައި ވާހަކަ ދައްކަވަމުން ޕާޓީގެ ލީގަލް ޑައިރެކްޓަރ މަހްފޫޒް ސަޢީދު ވަނީ ފުރަތަމަ ޤާނޫނު އިސްލާހު ކުރަން ސީދާ ހުށަނާޅާ ޚިޔާލު ހޯދުމަށް މަސައްކަތް ކުރާތީ އެކަމަށް މަރުހަބާ ކިޔާކަމަށެވެ. އަދި ޚިޔާލު ހޯދުމަށް ފަހު ގެންނަ ބަދަލު ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކުރާ ގޮތަށް އޮންނަން ފެންނަ ކަމަށް ވިދާޅުވިއެވެ.
މިމަސައްކަތް ކުރިއަށް ގެންދިއުމުގެ ހަމައެކަނި މަޤްޞަދަކީ ޚަރަދު ކުޑަކުރުން ވެގެން ނުވާނެ ކަމަށާއި އޭގެ ބަދަލުގައި މިއީ ދާއިމީ ގޮތެއްގައި ހައްލުކުރަން އެންމެ އެކުގައި މަސައްކަތް ކުރަން ޖެހޭ މައްސަލައެއްގެ ގޮތުގައި އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.
މިޤަރާރާ މެދު ޕާޓީތަކުން އެތެރޭގައި މަޝްވަރާކޮށް ގޮތެއް ނިންމަން ފުރުސަތު ދޭން ވަނީ ކޮމިޓީއަށް ހުށަހަޅާފައެވެ. އަދި ޕާޓީތަކުގެ އެކި ލެވެލްތަކުގައި މަޝްވަރާކުރުމަށް ފަހު އެޕާޓީތަކުގެ ސްޓޭންޑް ލިއުމުން ކޮމިޓީއަށް ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
މިޤަރާރާއި ގުޅޭގޮތުން ޚިޔާލު ހޯދުމަށް ސިޔާސީ އެހެން ޕާޓީތަކާއި، ރައީސް އޮފީހުގެ ޕޮލިސީ ކޮމިޓީއާއި، އަދި ކަމާއި ގުޅުން ހުރި އެހެން ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށްވަނީ ހަމަޖެހިފައެވެ.