ޚަބަރު

ޑރ.ނިޔާފާއި ނިއުރޯ ޓީމުން އައިޖީއެމްއެޗްގައި ފުރިހަމަ ސްޓްރޯކް ސެންޓަރެއް ޤާއިމުކުރުމުގެ އަމާޒަށް


  • އައިޖީއެމްއެޗްގައި މިވަގުތުވެސް ޑރ.ޢާފީގެ ބެއްލެވުމުގެ ދަށުން ކުއްލިފަރުވާގެ ސާރޖަރީތައް ކުރޭ

  • ސްޓްރޯކް އަދި ކުއްލި ފަރުވާގައި ކުރަންޖެހޭ ސަރޖަރީތައް އިތުރަށް ކުރިއަރުވާނެ

  • ޑރ.ނިޔާފާއެކު އައިޖީއެމްއެޗްގެ ޚިދުމަތް އިތުރަށް ކުރިއަރުވާނެ

ނުވަ ވަރަކަށް އަހަރު ކުރިއަށްޖެހިލާއިރު ރާއްޖޭގެ ސިއްޙީ ނިޒާމުގައި އިސްކަމެއްދެވިފައި ނެތް އެއް ދާއިރާއަކީ ނިއުރޯސަރޖަރީގެ ދާއިރާއެވެ. މިދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރެއްވުމަށްފަހު ޑރ.ޢަލީ ނިޔާފް ރާއްޖެއަށް ވަޑައިގަތުމާއެކު މިދާއިރާއިން ފަރުވާ ކުރިއަރުވަންޖެހޭ މިންވަރު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފެނިވަޑައިގަތެވެ. އޭޑީކޭގެ މެނޭޖްމަންޓާއި ޑރ.ޢަލީ ނިޔާފްގެ ބުރަ މަސައްކަތުން ދިވެހީންގެ އިތުބާރު މިދާއިރާއަށް ހޯދިއެވެ. އޭގެފަހުން މިހާރު ނިއުރޯސަރޖަރީގެ އެކި ދާއިރާތަކުން ރާއްޖޭގެ 3 ހޮސްޕިޓަލެއްގައި ނިއުރޯސަރޖަރީގެ އެކި ޚިދުމަތްތައްވަނީ ޤާއިމުކޮށްފައެވެ. ބޮލާއި މައިބަދައިގެ ބޮޑެތި ސަރޖަރީތައް ރާއްޖޭގައި މިހާރު ހެދެއެވެ.

9 އަހަރު އޭޑީކޭގެ ޓީމާއެކު މަސައްކަތް ކުރެއްވުމަށްފަހު މިހާރު ޑރ.ޢަލީ ނިޔާފްވަނީ އައިޖީއެމްއެޗްގެ ނިއުރޯ ޓީމާއި ގުޅިވަޑައިގަންނަވާފައެވެ. ސަރުކާރުގެ މައި ހޮސްޕިޓަލަށް ރާއްޖޭގެ ނިއުރޯސަރޖަރީ ދާއިރާގެ އެންމެ ވަރުގަދަ އެއް ތަރި އަދި ޢާންމުންގެ އިތުބާރުހޯދާފައިވާ ޑރ.ނިޔާފް ފަދަ ޤާބިލް ޑޮކްޓަރަކު ގުޅިވަޑައިގަތުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމުގެ ކުރިމަގު އުޖާލާވުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

އައިޖީއެމްއެޗަށް ގުޅިވަޑައިގެން ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޑރ.ޢަލީ ނިޔާފް ވިދާޅުވީ، އައިޖީއެމްއެޗްގައި މިވަގުތުވެސް ނިއުރޯ ސަރޖަރީގެ ފަރުވާތައް ދެމުންދާކަމަށެވެ. މިވަގުތުވެސް ޓީމެއް އޮތްއިރު ރާއްޖޭގެ މިދާއިރާ އިތުރު ހަރުފަތަކަށް ގެންދިޔުމުގެ ވަރުގަދަ ޢަޒުމް ޑރ.ނިޔާފްގެ އެބައޮތެވެ. މުޅި ރާއްޖެއަށް ބަލާއިރުވެސް ނިއުރޯ ދާއިރާގައި ޑޮކްޓަރުންގެ ވަރުގަދަ ޓީމެއް އޮތްކަން ޑރ.ނިޔާފް ފާހަގަކުރެއްވިއެވެ.

"މިހާރުވެސް ދިވެހި 2 ޑޮކްޓަރުންނާއި ބިދޭސީ ޑޮކްޓަރަކާއެކު ޓީމެއް އެބައޮތް. ދެންއޮތީ އަޅުގަނޑުމެންދޭ ޚިދުމަތް ވަރުގަދަކޮށް ފުޅާކުރުން. މިހާރުވެސް ކުއްލި ފަރުވާގައިކުރަންޖެހޭ ބައެއް ސަރޖަރީތައް އެބަކުރެވޭ. އަދި ސްޓްރޯކްގެވެސް ބައެއް ފަރުވާތައް މިދެވެނީ. އެހެންވީމަ އެކަންކަން އިތުރަށް ހަރުދަނާކުރަންޖެހެނީ." ޑރ.ނިޔާފް ވިދާޅުވިއެވެ.

ޑރ.ޢަލީ ނިޔާފްއާއެކު އައިޖީއެމްއެޗްގެ ނިއުރޯސަރޖަރީގެ ޓީމްގައި ހިމެނިވަޑައިގަންނަވަނީ ޑރ.ޢަލީ ޢާފީއެވެ. ޑރ.ޢާފީ ސްޕެޝަލައިޒްވުމަށްފަހު އައިޖީއެމްޗްގައި މަސައްކަތްކުރައްވާތާ މިހާރު 2 އަހަރެވެ. އައިޖީއެމްއެޗްގައި ނިއުރޯ ޑިޕާޓަމަންޓް އުފެދިގެންދިޔައީ ޑރ.ޢާފީއާއެކުގައެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުގައި ޚިދުމަތް ފެއްޓެވިއިރުގެ ތަޖުރިބާ ޕީއެސްއެމްނިއުސްއާއި ހިއްސާކުރައްވަމުން ޑރ.ޢާފީ ވިދާޅުވީ މިވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ގިނަ ތަޖުރިބާތަކެއް ލިބި މުހިއްމު މަސައްކަތްތަކެއް ކުރެއްވިއްޖެކަމަށެވެ.

"އެންމެ ފުރަތަމަ އާއިރު ނުކުރެވޭ މާބޮޑުކަމެއް. އެކަމަކު މިހާރު ކުއްލި ފަރުވަގައިދޭންޖެހޭ ފަރުވާތަކާއި އެމަރޖެންސީގައި ކުރަންޖެހޭ ގާތްގަނޑަކަށް، ހުރިހާ ސަރޖަރީތަކެއް އެބަކުރެވޭ. ޑރ.ނިޔާފްއާއެކު ވަރަށް ކޮންފިޑެންޓް ޓީމެއް މިއޮތީ މިހާރު. ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއްކަމަށް ޤަބޫލުކުރެވެނީ." ޑރ.ޢާފީ ވިދާޅުވިއެވެ.

ޑރ.ޢާފީގެ މަސައްކަތުން އައިޖީއެމްއެޗްގައި ނިއުރޯ ޑިޕާޓްމެންޓްގެ ޚިދުމަތް ފަށްޓަވާފައިވާއިރު، ޑރ.ޢަލީ ނިޔާފާއެކު ޚިދުމަތް އިތުރަށް ކުރިއެރުވުމުގެ މަސައްކަތް ފެށުނީއެވެ.

ދެޑޮކްޓަރުންގެވެސް އަމާޒަކީ ނިއުރޯ ދާއިރާއިން އިތުރު ފަރުވާތައް ރައްޔިތުންނަށް ލިބި އައިޖީއެމްއެޗްގެ ނިއުރޯ ޑިޕާޓްމަންޓް ސަރަޙައްދީ ފެންވަރުގައި ވަރުގަދަކުރުމެވެ. އެގޮތުން ވަރަށް އަވަހަށް ފުލް ފްލެޖްޑް ކޮމްޕްރެހެންސިވް ސްޓްރޯކް ސެންޓަރަކާއެކު ނިއުރޯ ސަރޖަރީ ޑިޕާޓްމަންޓްގެ ޚިދުމަތް ލިބިގެންދާނެކަން ދެބޭފުޅުންވެސް ފާހަގަކުރައްވައެވެ. އަދި މިކަމުގައި ކުރިމަތިވާނެ ގޮންޖެހުމެއްގެ ގޮތުގައި ޑރ.ނިޔާފް ފާހަގަކުރެއްވީ އިންސާނީ ވަޞީލަތް ތަރައްޤީކުރުންކަމަށެވެ. އެގޮތުން ސަރޖަރީތަކަށްފަހު ބަލި މީހާގެ ހާލު ގާތުން ބެލައި މޮނީޓަރކުރުމަށް ތަމްރީން ލިބިފައިވާ ހެލްތުކެއަރ ޓީމެއް އޮންނަންޖެހެއެވެ. މިވަގުތު ރާއްޖޭގައި ހުންނެވީ ކްރިޓިކަލް ކެއަރ ސްޕެޝަލިސްޓަކަށް ހަމައެކަނި، ޑރ. މޫސާ ޙުސެއިންއެވެ. އެހެންކަމުން އައިސީޔޫގައި މަސައްކަތްކުރާނެ ޚާއްސަ ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމުގެ މުހިއްމުކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.