ޚަބަރު

ޤާނޫނަށް އަހުލުވެރިކުރުމުގެ ކްލާސްތަކެއް ޕިކަޕް ޑްރައިވަރުންނަށް


ޕިކަޕް ޑްރައިވަރުންނަށް އަމާޒުކޮށްގެން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ކްލާސްތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ފަށްޓަވައިފިއެވެ. 

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ކުލާސްތަކަކީ އެއްގަމުދަތުރު ފަތުރުގެ ޤާނޫނާއި ގަވާއިދުތަކަށް، ޕިކަޕް ޑްރައިވަރުން އަހުލުވެރިކުރުވައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ގުޅިގެން ޑްރައިވަރުންގެ ހިތްތަކުގައި އުފެދިފައި ހުރި ސުވާލުތަކަށް ޖަވާބުދީ މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ޕިކަޕް ޑްރައިވަރުންގެ ގޮތުން ކޮށްދެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް ގޮތްތަކެއް ނިންމުމުގެ މަޤްޞަދުގައި ހިންގާ ކްލާސްތަކެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން މަޢުލޫމާތުދެއްވައެވެ. މިމަހުގެ 24 ވަނަދުވަހާއި ހަމައަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި 200 އެއްހާ ޕިކަޕް ޑްރައިވަރުން ބައިވެރިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. 

img:http://s4.psmnews.mv/images/660x400/14638413267686.jpg|ފުލުހުން ހިންގާ ކްލާސްތަކުގައި ބައިވެރިވާ ޑްރައިވަރުންތަކެއް / ފޮޓޯ: ޕޮލިސް މީޑިއާ

މިޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުން ބާރުލިބިގެން ހެދިފައިވާ ޤަވާއިދުތަކާއި މަގުމަތީގެ ޢާއްމު އަދަބުތައް ކަމުގައި ބެލެވޭ ރޯޑް ކޯޑަށް ޕިކަޕް ޑްރައިވަރުން އަހުލުވެރި ކުރެވިގެންދާނެކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ނެތި ދިއުމުގައި ޕިކަޕް ޑްރައިވަރުންނަށް ފާހަގަކުރެވޭ ކަންކަމާއި ޑްރައިވަރުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިގެން ދާނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

މިޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޓްރެފިކު މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ރޯޑްސޭފްޓީ ޔުނިޓްގެ ހެޑް، ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙުމަދު ޝުޖާޢު ދެއްކެވި ވާހަކަފުޅުގައި ޕިކަޕް ޑްރައިވަރުންނަކީ ރައްކާތެރި އަމާން މަގުތަކެއް ފޯރުކޮށްދިނުމަށް އެންމެން ގުޅިގެން މިކުރެވޭ މަސައްކަތުގެ ވަރަށް މުހިއްމު ޙިއްސާދާރުންކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިހާރަށްވުރެވެސް ފުރިހަމައަށް ޕިކަޕް ޑްރައިވަރުންގެ ދައުރު އަދާކޮށްދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އަދި މިފަދަ ކުލާހެއް ބޭއްވުމުގެ ބޭނުމަކީ ޤާނޫނާއި ގަވާއިދުތަކަށް ފަރިތަވެ މަސައްކަތުގެ މައިދާނުގައި ޢަމަލީގޮތުން މިކަންތައްތައް ބޭނުންކުރުންކަމަށާއި، އެހެންކަމުން މަގުމަތި ބޭނުން ކުރާއިރު ހުރިހާ ފަރާތްތަކެއްގެ ޙައްޤުތަކަށްވެސް އިޙްތިރާމްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މާލޭގެ ޓްރެފިކް މައްސަލަތައް ޙައްލުކުރެވޭނީ ޑްރައިވަރުންނާއި އެންމެހާ ރައްޔިތުން ގުޅިގެންކަމުގައި ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙުމަދު ޝުޖާޢު ފާހަގަކުރެއްވިއެވެ. 

ޕިކަޕް ޑްރައިވަރުންނަށް ހިންގާ ކުލާސްތަކުގައި މަޢުލޫމާތު ދެއްވާނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ރޯޑްސޭފްޓީ ޔުނިޓުގައި މަސައްކަތްކުރާ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.