ޤައުމުގައި ހައްލު ނުވެހުރި ބޮޑެތި މައްސަލަތައް ހައްލުކުރަން މީގެ ކުރިކަން ވެރިކަން ކުރެއްވި ރައީސުންނަށް ނުކުރެވުނު އެތައް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނާއިބުރައީސް ދިއްގަރު ދައިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޤައުމު އިސްލާހު ކުރުމަށް އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާނެކަމުގެ ޔަޤީންކަން މިނިވަން ދުވަހުގެ ޖަލްސާގައި ރައިސުލްޖމްހޫރިއްޔާ ދެއްވި ޚިތާބުންވެސް ލިބިގެން ދިޔަކަމަށެވެ.
ނާޒިމް ވިދާޅުވީ ޤައުމު އިސްލާހު ކުރުމަށް އެމަނިކުފާނު އެތަކެއް ފިޔަވަޅެއް އަޅުއްވަމުން ގެންދަވާ ކަމަށާއި ކުރިން ވެރިކަންތަކުގައި ކުރަން ނުކެރުނު އެތައް އިސްލާހީ ކަމެއް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ.
"ޤައުމުގައި އިސްލާހު ނުވެ ހުރި ކަންތައްތަކުގެ ތެރެއިން އެއްގޮތަކަށްވެސް އެއްވެސް ވެރިކަމެއްގައި ކުރަން ނުކެރުނު އެތައް ކަމެއް މިހާރު އެ ގެންދަވަނީ ކުރައްވަމުން. ބިދޭސީންގެ މައްސަލަ އަޅުގަނޑު ފާހަގަކޮށްލަން. މިހާރު އަޅުގަނޑުމެންނަށް އެބަ ފެނޭ އެ މައްސަލަ ހައްލު ކުރުމަށް ކުރެވިގެންދާ ކަންކަން" ނާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވީ މަޖިލިސް މެދުވެރިކޮށް ޤާނޫނުތައް އިސްލާހުކޮށްގެންވެސް ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންގެންދާކަމަށެވެ. އަދި ވުޒާރާތަކަށް ބަދަލު ގެނެސް ރައްޔިތުންނަށް ލުއިފަސޭހަވާނެހެން ކަންކަން ބައްޓަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިސްލާހީ ބަދަލުތަކެއް ގެންނަމުންދާކަން ނާޒިމް ފާހަގަކުރެއްވިއެވެ.
މާލިޔަތު ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް އިންނަމާ މެންބަރު ނާޒިމް ވަނީ ސަރުކާރުން އިޤްތިޞާދީ ކަންކަން އިސްލާހު ކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާކަމަށާއި އެ ޕްރޮގްރާމުގެ ތެރެއިން ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، އެއިން އެއްވެސް ފިޔަވަޅެއްގެ އަސަރު އެއްވެސް ރައްޔިތަކަށް ނުކުރާނެ ކަމަށެވެ.
"ޚަރަދުތައް ކުޑަކުރުމަށް އަޅާ އެއްވެސް ފިޔަވަޅެއްގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެއްވެސް ކަހަލަ އުނިކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް. އެއީ ރައްޔިތުންނަށް މިހާރު ލިބެމުންދާ ޚިދުމަތްތައް އެ ލިބޭ އެންމެ ފުރިހަމަ ގޮތުގައި ލިބެމުންދާނެތީ" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްތައް ލިބުމުގައި އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތްތައް އެއްވެސް އުނިކަމެއް ނެތި ލިބެމުންދާނެކަން އަންނަ އަހަރު ބަޖެޓު ފާސްވާއިރު ޔަޤީން ކުރައްވާނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ މި އިސްލާހީ ބަދަލުތައް ސަރުކާރުން ގެންނައިރު ސަރުކާރަށް ވަގުތުކޮޅެއް ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ރައްޔިތުންނާއި ކަޅި ހަމަކުރަން ނުކުރޭވަރުގެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވިއެވެ.