ޚަބަރު

ޗައިނާއާއެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ މަހު އަމަލުކުރަން ފަށަނީ


  • އެއްބަސްވުމުގައި ސޮއިކުރީ 2014 ވަނަ އަހަރު

  • ދިވެހި ވިޔަފާރިވެރިންނަށް މީގެ ސަބަބުން ފައިދާ ކުރާނެ

  • ތުރުކީ އަދި އިނގިރޭސި ވިލާތާއެކުވެސް އެފްޓީއޭ ޤާއިމްކުރަން މަސައްކަތްދަނީ ކުރަމުން

ޗައިނާއާއިއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އަމަލުކުރަން ފެށޭނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާއިރު 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި ޤައުމާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުްމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެކުވެރި ދައުލަތްތަކާ އެކީގައި ރާއްޖެއިން މިހާރު ކުރެވޭ މަސައްކަތުން ވަކިވަކި ވިޔަފާރިތަކަށްވެސް ފައިދާވާނެ ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ޗައިނާއާ އެކުވެފައިވާމިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ކުރިއަށްދާ ޤާނޫނީ މަރުޙަލާ ނިމި އަންނަ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ތަންފީޒު ކުރަން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ނަތީޖާއަކަށް ވަނީ މަސްވެރިކަމުގައި 298 ބާވަތަކުން ޑިއުޓީ ފްރީވެގެން ދިޔުން. އަދި ވެލިއު އެޑެޑް އެކިއެކި ބާވަތްތައް، ޖުމްލަ 7897 އައިޓަމެއް، 9 ސެކްޓަރއަކުން އެބަ ޑިއުޓީ ފްރީވެގެންދޭ. ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއަށް މި ތަކެތި ވިޔަފާރި ކުރުމަށްޓަކައި. މިއީ ފަރުދީ ލެވެލްއެއްގައި ކުންފުނިތަކަށް ލިބޭ ވަރަށްބޮޑު ފުރުޞަތެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ވަރަށް އަވަހަށް ޗައިނާއާއިއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށޭނެކަމަށާއި އޭގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ވަރަށް ގިނަ ފުރުސަތުތައް ހުޅުވިގެންދާނެކަމަށެވެ.

"ފްރީ ޓްރޭޑް އެރޭންޖްމަންޓް ސެޕްޓެމްބަރ މަހުގެ ތެރޭގައި ޗައިނާއާއިއެކު އަޅުގަނޑުމެންނަށް ފެއްޓޭނެ. ވަރަށް ބޮޑެތި ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ދިވެހި ވިޔަފާރިވެރިންނަށާއި ދިވެހި އުފެއްދުންތެރިންނަށާއި އަދި ރާއްޖެއަށް އެކްސްޕޯޓްކުރަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގެ އެކްސްޕޯޓަބަލް އައިޓަމްސް، ގުޑްސް އުފައްދަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގެ ރީއެކްސްޕޯޓް މުދާ އުފައްދަން ބޭނުންވާ ފަރާތްތަކަށް." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ޗައިނާގެ އިތުރުން ތުރުކީއާ އެކީގައިވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެމަސައްކަތްއޮތީ ވަރަށް އެޑްވާންސް ސްޓޭޖެއްގައިކަންވެސް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އެވާހަކަތައް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ. 53 އައިޓަމަކުން ތުރުކީއާއެކު ޤާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވާއިރު އޭގެތެރޭގައި، މަހުގެ ބާވަތްތައްވެސް ހިމެނެއެވެ. އަދި ގިނަ ބާވަތްތަކަށް ޒީރޯ ޑިއުޓީ ލިބިގެންދިއުމުގެ ނަތީޖާއަކަށްވެގެންދާނީ ތުރުކީއާ އެކީގައިވެސް ވިޔަފާރި ފުޅާކުރެވިގެން ދިޔުންކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތާ އެކީގައިވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އުންމީދު އަވައްޓެރި އިންޑިއާއާ އެކީގައިވެސް ރާއްޖެއަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވޭ ހިސާބަށް ދިއުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.