ޚަބަރު

މިނިވަން އުފާ ނައިޓް މާކެޓް ހުޅުމާލޭގަ ފަށައިފި


  • ނައިޓްމާކެޓް އޮތީ ހުޅުމާލޭ ރުއްގަނޑު 2 ސަރަޙައްދުގައި

  • 100 އަށްވުރެ ގިނަ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވޭ

  • ނައިޓްމާކެޓްކުރިއަށްދާނީ އޯގަސްޓް 1 އިން 10އަށް

މިނިވަން އުފާ ނައިޓް މާކެޓް ހުޅުމާލޭ ރުއްގަނޑު ސަރަޙައްދުގައި ފަށައިފިއެވެ. މިއީ މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަންގެ ފަރާތުން ބާއްވާ ފުރަތަމަ ނައިޓްމާކެޓެވެ.

މިނިވަން ދުވަހާއި ގުޅުވައިގެން މިރެއިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަނުން ކުރިއަށްގެންދާ މި ނައިޓް މާކެޓުގައި ކުދި ފަންތިއާއި މެދު ފަންތީގެ ގިނަ ވިޔަފާތިތަކުން ވަނީ ބައިވެރިވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޓީއޭގެ ޗެއަރޕާސަން ސަޢުދުﷲ އަޙްމަދު ވިދާޅުވީ، މިނައިޓްމާކެޓްގެ މައިގަނޑު މަޤްސަދަކީ ވިޔަފާރިތަކަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުންކަމަށެވެ.

އެގޮތުން މިނައިޓް މާކެޓަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، 100 އަށްވުރެ ގިނަ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކުން މި ނައިޓް މާކެޓުގައި ބައިވެރިވާކަމަށެވެ. މިއީ އެމްޓީއޭގެ ފުރަތަމަ ނައިޓްމާކެޓްނަމަވެސް ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ނައިޓްމާކެޓްތަކެއް މިހާރަށްވުރެ ފުރިހަމަކޮށް ބާއްވަން މަސައްކަތްކުރާނެކަމަށް ސަޢުދުﷲ ވިދާޅުވިއެވެ.


"އަޅުގަނޑުމެން މިކަން ކުރަން އުޅުމުން ގިނަ ވިޔަފާރިތަކަކުން އުފެއްދި ސުވާލެއް، ބޭއްވޭނެތޯވެސްއެއީ. އެކަމުން އެނގިގެންދިޔައީ ނައިޓްމާކެޓް ބޭއްވުމުގެ ފުރުސަތު ކޮންމެ ކޮންމެ ބަޔަކަށް ދިނުމުން އެކަން އެންމެ އެކަށީގެންވާގޮތުގައި ކުރިއަށްނުދާކަން. މިކަމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ރަނގަޅު ޖަމިއްޔާތަކުން އެކަން ކުރުމުގެ ފުރުސަތު ހުޅުވަންޖެހޭ" ސަޢުދުﷲ ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަނުން ބުނީ މި ނައިޓްމާކެޓްގައި އަންނައުނާއި ގޭތެރެއަށް ބޭނުންވާ ގިނަ ބާވަތްތަކުގެ މުދާ، ބަޒާރުގައި ލިބެންހުންނަ އަގުތަކަށްވުރެ ހެޔޮ އަގުގައި ލިބެން ހުންނާނެކަމަށް އެސޯސިއޭޝަނުން ބުނެއެވެ.

ނައިޓްމާކެޓްތަކަކީ އަގުހެޔޮކޮށް މުދާ ވިއްކުމަށް އެކި ދުވަސްވަރު އެކި ނަންނަމުގައި މާލެ ސަރަހައްދުގައި ގިނަވިޔަފާރިތަކަކުން ބައިވެރިވެ ބާއްވާ މާކެޓްތަކެކެވެ.