އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ އަދި އެ ޤައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ޚަރިޖީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތްޕޯޓުގައި ބޭއްވި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހާދިސާގައި 3 ކުޑަ ކުދިން ވަނީ ނިޔާވެފައެވެ. މިމައްސަލައާއި ގުޅިގެން މުސްލިމުންނާ ދެކޮޅަށް މިހާރު އެޤައުމުގައި ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް، އިތުރުވެފައިވާއިރު މިކަން އިންގިރޭސިވިލާތުގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނުން ބަލަމުންދާ ކަމަށް އެފަރާތުން ވިދާޅުވެއެވެ.
މި ޙާލަތާ ގުޅިގެން، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން، އަދި ވަކިން ޚާއްޞަކޮށް ސައުތްޕޯޓް އަދި އެތާގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރެއެވެ.
އެވުޒާރާއިން ވަނީ އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުމަށް އެދިފައެވެ. އަދި އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ޚަރީޖީ ވުޒާރާއިން އިލްތިމާސްކުރެއެވެ. އަދި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތަކުން ދިވެހި ހައިކޮމިޝަނާއި ގުޅުއްވުމަށް ޚަރިޖީ ވުޒާރާއިން ވަނީ އެދިފައެވެ.
އިނގިރޭސިވިލާތުގެ ހުޅަނގުއުތުރު ހާޓްލީޕޫލްގެ ރަށެއް ކަމުގައިވާ ސީޕޯޓްގައި ވަޅީގެ ޙަމަލާތަކެއްދީ ތިން ކުޑަކުދިން މަރައިލުމާ ގުޅިގެން, އެ ހާދިސާއާ މުސްލިމުންނާ ގުޅުވައި އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކޮށް, ހަމަނުޖެހުން ހިންގަން ފަށައިފިއެވެ. ސައުތުޕޯޓްގެ އިތުރުން ލިވަރޕޫލާއި ވެރިރަށް ލަންޑަނުގައި ހިންގަމުންދާ ހަމަނުޖެހުންތައް އިންތިޒާމު ކޮށްފައި ވަނީ, ހިޖުރަ ކުރުމާއި މުސްލިމުންނާ ދެކޮޅު ޖަމާޢަތްތަކުނެވެ.
މި ހަމަނުޖެހުންތައް ފެށުނީ, ސައުތްޕޯޓްގައި ބޭއްވި ވޯކްޝޮޕެއްގައި ބައިވެރިވި ތިން ކުޑަކުދިންނަށް ވަޅިން ޙަމަލާދީ މަރައިލި ހާދިސާއާ ގުޅިގެންނެވެ. އެ ކުދިންގެ ގާތިލަކީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. މުސްލިމުންނާ ދެކޮޅަށް އަޑު އުފުލަން ގިނަ ޢަދަދެއްގެ ބަޔަކު މުޒާހަރާ ކުރަން ފަށާފައި ވަނީ, އެ ކުއްޖާއަކީ އިނގިރޭސިވިލާތަށް ހިޖުރަ ކޮށްފައިވާ މުސްލިމެއް ކަމަށް ބުނެ, ދޮގު މަޢުލޫމާތުތަކެއް ސޯޝަލް މީޑިޔާގައި ދައުރު ކުރަން ފެށުމުންނެވެ. ނަމަވެސް, ފުލުހުން ވަނީ އެ އަމަލު ހިންގާފައިވާ އެކްސެލް ރޫޑެކުބާނާއަކީ އިނގިރޭސިވިލާތަށް އުފަން, އެ ޤައުމުގެ ރައްޔިތެއް ކަން ހާމަ ކޮށްފައެވެ.