ޚަބަރު

މިދިޔަ އަހަރުތެރޭ 3 ލައްކައަށްވުރެ ގިނަ ފައިސާ ނޫޓު ނައްތާލާފައިވޭ: އެމްއެމްއޭ


  • ނޫޓުތަކުގެ ފައިސާގެ އަގު 22 މިލިޔަން ރުފިޔާއަށް އަރާ

  • 2022ވަނަ އަހަރާއި އަޅާ ބަލާއިރު %16.3 ދަށް

ހާލަކުވެފައިވާ ފައިސާގެ ނޫޓުތަކުގެ ތެރެއިން މިދިޔަ އަހަރުތެރޭ 391957 ނޫޓު ނައްތާލާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭގެ މިދިޔަ އަހަރުގެ އަހަރީ މާލީ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުތެރޭ ނައްތާލާފައިވާ ނޫޓުތަކުގެ ފައިސާގެ އަގު 22 މިލިޔަން ރުފިޔާއަށް އަރާކަމަށެވެ.

މިދިޔަ އަހަރުތެރޭ ނައްތާލާފައިވާ ފައިސާގެ ނޫޓުގެ ތަފްޞީލު:

• 1000 ރުފިޔާގެ ނޫޓު : %0.4
• 500 ރުފިޔާގެ ނޫޓު : %3.2
• 100 ރުފިޔާގެ ނޫޓު : %19
• 50 ރުފިޔާގެ ނޫޓު : %19.7
• 20 ރުފިޔާގެ ނޫޓު : %39.9
• 10 ރުފިޔާގެ ނޫޓު : %13.5
• 5 ރުފިޔާގެ ނޫޓު : %4.3

އެމް.އެމް.އޭގެ ހިސާބުތައް ދައްކާގޮތުން ހަލާކުވެގެން އެންމެ ގިނަ އަދަދަކަށް ނައްތާލެވިފައިވަނީ 20 ރުފިޔާގެ ފައިސާގެ ނޫޓެވެ.

ހަލާކުވެގެން އާއްމުން ގެންނަ ނޫޓުތައް ވަކި އުޞޫލެއްގެ ދަށުން އެމް.އެމް.އޭއިން ބަދަލުކޮށްދެއެވެ. އެމް.އެމް.އޭއިން ވިދާޅުވީ މިދިޔަ އަހަރުތެރޭ މިގޮތަށް ލިބިފައިވާ ނޫޓުތަކުގެ އަދަދު 2022 ވަނަ އަހަރާއި އަޅާ ބަލާއިރު %16.3 ދަށް ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާ ފައިސާގެ އަދަދު އަހަރު ނިމުނުއިރު ހުރީ 4 ބިލިޔަން ރުފިޔާގައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު %8.65 އިތުރު އަދަދެކެެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ރުފިޔާގެ ނޫޓުތަކަކީ ޒަމާނީ ގިނަ ބަދަލުތަކަކާއެކު 2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ ނޫޓު ސީރީޒެކެވެ. މި ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.

މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ.