ސައިބަރ ކްރައިމް ނުވަތަ އޮންލައިންކޮށް ކުރެވޭ ކުށްތައް ހުއްޓުވުމަށް ޤާނޫނީ އަދި ފަންނީ ހުރަސްތަކެއް އެބަހުރިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން މިހެން ވިދާޅުވީ، ސައިބަރ ކްރައިމް ހުއްޓުވުމަށް 3 ޤާނޫނަކަށް ގެންނަ އިސްލާހާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
އޮންލައިންކޮށް ކުރެވޭ ކުށްތައް ހުއްޓުވުމަށް 3 ޤާނޫނަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެ ތިން ބިލަކީ ޤާނޫލް އުޤޫބާތައް އިސްލާހު ގެނައުމުގެ ބިލާއި، ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ޖިނާޢީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
އެ ތިން ބިލް ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފަށާއިފައިވާއިރު، މި ބިލްތަކާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި އެކޮމެޓީން ވަނީ ބައްދަލު ކުރައްވާފައެވެ. އެގޮތުން އޮންލައިންކޮށް ކޮމެޓީއަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަޙްމަދު ނައުފަލް ވިދާޅުވީ، މި ތިން ޤާނޫނަށް އިސްލާހު ގެނައުމުގެ ސަބަބުން އޮންލައިންކޮށް ކުރެވޭ ކުށްތައް ހުއްޓުވުމަށް ބޮޑު ފަސޭއެއް ލިބިގެންދާ ކަމަށެވެ.
މިހާރު ޤާނޫނު އޮތް ގޮތުން ފުލުހުންނަށް ހުށަހެޅޭ ބްލެކްމެއިލްކުރުމާއި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ހެކި ނުލިބުމުގެ ސަބަބުން ފައިލް ކުރެވޭ ކަމަށް ނައުފަލް ވިދާޅުވިއެވެ. މީގެ މައިގަނޑު ސަބަބެއް ގޮތުގައި އޭނާ ފާހަގަކުރެއްވީ، އޮންލައިންކޮށް ކުރެވޭ މުޢާމަލާތްތަކުގެ މައުލޫމާތު ބޭރުގެ ކުންފުނިތައް މެދުވެރިކޮށް ނުލިބުމެވެ. އެހެން ނަމަވެސް ޤާނޫނުތައް އިސްލާހުވެގެން އައުމުން ބުޑަޕެސްޓް ކޮންވެންޝަން އޮން ސައިބަރކްރައިމްގައި ބައިވެރިވެ އެ ކޮންވެންޝަންގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ހުރި ކުންފުނިތައް މެދުވެރިކޮށް މައުލޫމާތު ފަސޭހައިން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ސައިބަރ ކްރައިމްއާ ގުޅުންހުރި ތިން ބިލާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/BTGMko9Zqb
— People's Majlis (@mvpeoplesmajlis) August 5, 2024
މީގެ އިތުރުން ޤާނޫނު އިސްލާހު ކުރުމުން، ސައިބަރ ކްރައިމްގެ ޢަމަލަކީ ޖިނާޢީ ކުށަކަށްވެ، އެ ފަދަ މައްސަލަތަކަށް ހެކި ހޯދުމުގެ ފަސޭހަ ވެގެންދާނެކަން ނައުފަލް ފާހަގަކުރެއްވިއެވެ. އަދި ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން ވަގުތުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުމަށް ކޯޓު އަމުރަކާއި ނުލައި، އަވަހަށް ހޯދުމުގެ ފުރުސަތު ލިބި ކުށްތައް ހިންގަމުންދާ ވަގުތު ހުއްޓުވުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ޕީޖީން ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން ސްކޭމް ކުރާ ފަރާތްތަކުގެ މައުލޫމާތު އެކުށް ހިނގަމުންދާ ވަގުތު ހޯދުމަށް މަގުފަހިވެގެންދާނެކަންވެސް ޕީޖީ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.
ޕީޖީ އޮފީހުގެ ފަރާތުން ނައުފަލް ވިދާޅުވީ މިހާރު އޮތް ނިޒާމުގައި ޤާނޫނީ ހުރަސްތަކުގެ އިތުރުން ފަންނީ ހުރަސްތަކެއްވެސް ހުރި ކަމަށެވެ. އެގޮތުން ސާވިސް ޕްރޮވައިޑަރުން މައުލޫމާތު ރައްކާކުރުމަށް ވަކި އުސޫލެއް އަދި ވަކި މިންގަނޑެއް ޤާނޫނުގެ ތެރެއިން ނެތުމުން، ބައެއް މައްސަލަތަކުގެ މައުލޫމާތު ލިބި، އަނެއްބައި މައްސަލަތަކުގެ މައުލޫމާތު އެއްވެސް ގޮތަކަށް ނުލިބިދާ ކަމަށެވެ. އެހެންނަމަވެސް ޤާނުނުތަކަށް މިގެނެވޭ އިސްލާހުގެ ތެރެއިން މައުލޫމާތު ވަކި މުއްދަތަކަށް ރައްކާކޮށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރުދަނާ ނިޒާމެއް ޤާއިމް ކުރެވޭނެކަމަށް ނައުފަލް ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ފާހަގަކުރެއްވި ގޮތުގައި ޤާނޫނީ ބަދަލުތަކެއް ނުގެނެސް ބުޑަޕެސްޓް ކޮންވެންޝަންގައި ރާއްޖެއިން ބައިވެރި ނުވެވޭނެއެވެ. އެކޮންވެންޝަންގައި ރާއްޖެއިން ބައިވެރިވުމުން މައުލޫމާތު ބަދަލު ކުރުމުގެ އިތުރުން ރާއްޖޭގެ ސައިބަރކްރައިމް އަދި ސައިބަރސެކިއުރިޓީ ދާއިރާގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ޤައުމުތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދެއެވެ. އަދި މިއީ މިހާރު ބަދަލުވަމުން އަންނަ އޮންލައިން ކުށުގެ ވެށީގައި މުހިންމު ކަމެއްކަމަށް ޕީޖީ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.
އޮންލައިންކޮށް ކުރެވޭ ކުށްތައް ހުއްޓުވުމަށް، ޤާނޫނުތަކަށް ގެންނަ އިސްލާހުގެ ތެރޭގައި އެލެކްޓްރޯނިކް ހެކި ހޯދުމަށް މިހާރު ހުރި ގޮންޖެހުންތައް ނައްތާލުމާއި، ރާއްޖޭގައި ފާހަގަވާ އޮންލައިން ކުށްތަކަށް ހެކި ހޯދައި، ދައުވާ ކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.
މި ބިލްތައް ދިރާސާ ކުރުމުގެ މަސައްކަތް ޖުޑީޝަރީ ކޮމެޓީން ކުރަމުންދާއިރު "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ދާޚިލީ ވުޒާރާގެ ދަށުން އުފެއްދެވުމަށް ރައިސޫލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.