އޯއައިސީގެ ބައްދަލުވުމުގައި ރާއްޖެއިން އެންމެ ބޮޑު އިސްކަމެއް ދޭނީ އިސްލާމީ ޤައުމުތައް ގުޅިގެން ފަލަސްތީނު މައްސަލާގައި މަސައްކަތްކުރުމަށްކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ ފަލަސްތީނު މައްސަލާގައި ބާއްވާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައެވެ.
ބުދަދުވަހު އޮންނަ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަންގެ ބައްދަލުވުމަކީ، ފަލަސްޠީނުގެ ބިންތައް ހިފާ، ޢީރާންގެ ސިޔާދަތީ މިނިވަންކަމާއި ދެކޮޅަށް އިސްރާޢީލުން ދެމުގެންދާ ޙަމަލާތަކާ ގުޅޭގޮތުން ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސައޫދީ އަރަބީއްޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ ބަސްތީގަތުމުގައި ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ފަލަސްޠީނު ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ގޮވާލާނެކަމަށެެވެ. އަދި އިތުރު ޤައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މި ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މަޝަވަރާ ކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ސައުދީ އަރަބީއްޔާގެ ޖިއްދާގައި ކުރިއަށްދާ އެއް ދުވަހުގެ މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަޤުރީރުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.