ޚަބަރު

އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ދައުރެއް ޕާޓީގެ ތެރޭގައި އޮންނަ ގޮތްހަދަނީ


  • މި ބަދަލު ގެންނާނީ އަސާސީ ޤަވާއިދު އިސްލާހުކޮށްގެން

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނަށް އެ ޕާޓީގެ އެތެރޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އަސާސީ ޤަވާއިދަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހަށް އަލަށް އިންތިހާބުވި މެންބަރުންނާއެކު އެޕާޓީން ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ އެކަމަށް ތާޢީދުކުރައްވާ ގިނަ މެންބަރުން ވާހަކަފުޅު ދައްކަވާފައެވެ. ޤައުމީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެޗެއަރ ޕާސަން ފައްޔާޟް އިސްމާޢީލެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ޕާޓީގެ ފައްޔާޟް ވަނީ އެޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަދި ޕާޓީގެ ހަރަކާތްތަކުގެ ތެރޭގައި ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ މެންބަރުންގެ މާ ބޮޑު ދައުރެއް މިހާރު ނެތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިތަކުގެ މެންބަރުންގެ ދައުރެއް ޕާޓީގެތެރޭގައި ބޭއްވުމަށް އަސާސީ ޤަވާއިދަށް އިޞްލާހު ގެނައުމަށް ނިންމާފައިވަކަމަށް ފައްޔާޟް ވިދާޅުވިއެވެ.

"އަޅުގަނޑު ގެންނާނަން އަސާސީ ޤަވާއިދަށް ކުދިކުދި ބަދަލުތަކެއް ކައުންސިލަރުންނާއި އެއްކޮށް ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކާއި ޑަބްލިއުޑީސީ ޕާޓީގެ ސްޓްރަކްޗަރ ތެރެއަށް ވެއްދުމުގެ ޑްރާފްޓެއް. " ފައްޔާޟް ވިދާޅުވިއެވެ.

ޕާޓީގެ ޤައުމީ މަޖިލީހުގައި ސަރުކާރުގެ ސިޔާސަތުތަކަށް ގިނަ މެންބަރުން ވިދާޅުވިއެވެ. އެގޮތުން ވަޒީފާތަކުން މީހުން ވަކިކުރާކަމަށް ތުހުމަތުކުރެއްވިއެވެ. އަދި އެމީހުންނަށް އިންސާފު ހޯދުމަށްކަމަށްބުނެ ޕާޓީގެ ތެރެއިން 5 މެންބަރުން ކޮމެޓީއެއް އުފެއްދުމަށް ވަނީ ޤައުމީ މަޖިލީހުން ފާސްކޮށްފައެވެ. މި ނިންމުން ފާސްވީ ޤައުމީ މަޖިލީހުގެ އިއްތިފާޤުންނެވެ.

އެމްޑީޕީން ވަނީ އެޕާޓީގެ ހަރަކާތްތައް ފުޅާކުރުމުގެ ތެރެއިން، ސެޕްޓެމްބަރު މަހާއި ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޕާޓީގެ ޓީމުތަކުން ޒިޔާރަތްކޮށް ނިންމާނެކަން ހާމަކޮށްފައެވެ.