އުތުރުގައި ފަށާ ބަންކަރިންގެ ޚިދުމަތާއެކު އެ ސަރަހައްދުގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އުތުރުގައި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް މި މަހުގެ 22 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
އުތުރުގައި ބަންކަރިންގ ޚިދުމަތް ފެށުމަށްޓަކައި 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދު ގެނައުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދިނުމަށްޓަކައި އެސްޓީއޯއިން ވަނީ ވިޓޯލް ބަންކާސްއާއެކު ޓާރމް ޝީޓުގައި ސޮއިކޮށްފައެވެ. ވިޓޯލް ބަންކާސްއަކީ ދުނިޔޭގެ މަޤުބޫލު މުދާ އުފުލާ އަދި ޝިޕިންގެ މަސައްކަތްތައް ކުރިއަށްދާ އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ފަރާތެކެވެ. ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ. އެސްޓީއޯގެ އިތުރުން އެމްޕީއެލްއަކީ މި ޚިިދުމަތް ދިނުމުގައި މުޙިއްމު ދައުރެއް އަދާކުރާނެ ކުންފުންޏެކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ ބަންކަރިންގ ޚިދުމަތް ފެށާއިރު އެކަމަށް ބޭނުންވާ މުވައްޒަފުން ތިބޭނެ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް މިމަހުގެ 21ވަނަ ދުވަހު ނިމޭނެ ކަމަށެވެ.
ބަންކަރިންގެ ޚިދުމަތާއި އެކު އެމްޕީއެލްއަށް ލިބިގެންދާނެ ކުރިއެރުންތަކާއި ގުޅޭގޮތުން ސީއީއޯ ވަޖީހު ވިދާޅުވީ ބަންކަރިންގެ ޚިދުމަތާއި ގުޅުން ހުރި އެތައް ޚިދުމަތްތަކެއް އެމްޕީއެލްއިން ފޯރުކޮށްދޭނެ ކަމަށެވެ.
"އެމްޕީއެލްއިން ކުރާނެ އެތައް ކަމެއް، އޭގެތެރޭގައި ވޯޓަރ ބަންކަރިންގ، ސާފު ފެން ފޯރުކޮށްދިނުން، އޭގެ އިތުރަށް ކުރޫޒް ޓަރމިނަލް ޕައިލަޓޭޖް، ޓަވާ ޚިދުމަތް އަދި ބޯޓު ފަހަރަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް މިސާލަކަށް ކާބޯތަކެތި ވިޔަސް އަދި ލުބްރިކަންޓްސް ފަދަ، ސްޕެއަރ ފަދަ އަދިވެސް ވެސަލްސްއަށް ބޭނުންވާ ވަރަށް ގިނަ ކަންތައް ކޮށްދޭނެ،" ވަޖީހް ވިދާޅުވިއެވެ.
ސީއީއޯ ވަޖީހު ވިދާޅުވީ މި ޚިދުމަތް ފެށުމުން އެމްޕީއެލްއަށް ވަރަށް ބޮޑު މަންފާތަކެއް ކުރާނެކަމަށެވެ. އެގޮތުން މިއިން ކޮންމެ ކަމަކީވެސް ޑޮލަރުން ހިންގާ މުއާމަލާތްތައް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އެތައް މިލިއަން ޑޮލަރެއް ވަންނަމުންދާނެކަމަށެވެ.
ބަންކަރިންގެ ހިދުމަތާއެކު އުތުރުގެ ރަށްތަކަށް ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ މިހާރުވެސް މުވައްޒަފުން ހޯދުމަށް އެކުންފުނިން އިއުލާންކޮށްފައިވާ ކަމަށެވެ.
"އުލިގަމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މިހާރު ވާނީ އިއުލާންކޮށްފައި، ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވޭ ވަޒީފާގެ ފުރުސަތުތައް، އިތުރު ވަޒީފާތައްވެސް އުފެދިގެންދާނެ، ވިޔަފާރީގެ އިތުރު މަންފާތައްވެސް ފަހިވެގެންދާނެ، އިޤްތިސާދީ އެތައް ހަރަކާތެއް އެސަރަހައްދުގައި ކުރިއަށްދާނެ" ވަޖީހު ވިދާޅުވިއެވެ.
ރާއްޖެ ދުނިޔޭގެ މެޕުގައި އޮންނަ ސަރަހައްދުގެ ގޮތުން މެރިޓައިމް ދާއިރާއިން ބޮޑު މަންފާއެއް ހޯދޭނެ ކަމަށާއި، މިއީ ކުރީގެ އެއްވެސް ސަރުކާރަކަށް ނުކުރެވި އޮތް ކަމެއް ކަން ފާހަގަކުރައްވައި އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މެރިޓައިމް ސިނާއަތަކީ ރާއްޖޭގަ ތިންވަނަ އަށް އެންމެ ބޮޑު ސިނާއަތަށް ހެދުން ކަމަށެވެ.
ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަޙައްދުތަކުގައި އެފަދަ ޚިދުމަތެއް ފެށިއްޖެނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅައިހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެއްކަމުން މިއީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް މުހިންމު ސިނާޢަތަކަށްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވައްސަކީ އޮފް-ޕޯޓް ބަންކަރިންއެވެ. މި ޚިދުމަތް ދިނުމަށް ފިޒިކަލް އިންފްރާސްޓަރަކްޗަރ ބޭނުންނުވާނެއެވެ. ސަބަބަކީ ރާއްޖެއަކީ ޖަޒީރާ ވަށައިގެން ކަނޑު އޮތް ޤައުމަކަށް ވާތީއެވެ. ފުރަތަމަ ފިޔަވަހީގައި ބޯޓުތަކަށް ތެޔޮ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭނީ އަތޮޅުތަކަށް މަޑުކޮށްގެންނެވެ.
2 ވަނަ ފިޔަވަހީގައި ޕޯޓެއް ތަރައްޤީކުރުން ހިމެނެއެވެ. މި ޕޯޓު ތަރައްޤީކުރާނީ ބޭނުންވާނެ އެހެން ހުރިހާ ޚިދުމަތްތަކާ އެކުގައިކަމަށް ސަރުކާރުން ވިދާޅުވެއެވެ.