ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.
ރޯޔަލް ޓައިގަރ ސްޕޯޓްސް ކުލަބާ ގުޅިގެން ބޭއްވި ލޭ ހަދިޔާކުރުމުގެ މިކޭމްޕަކީ އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ކޭމްޕެކެވެ. މިކޭމްޕްގައި މިހާތަނަށް ކޮންމެ އަހަރަކުވެސް 75 އަށްވުރެ ގިނަ މީހުން ލޭ ހަދިޔާކުރާ ކަމަށް ރޯޔަލް ޓައިގަރ ސްޕޯޓްސް އިން ބުނެއެވެ. މިއަހަރުގެ ކޭމްޕްގައި ލޭ ހަދިޔާކުރީ 41 މީހުންނެވެ.
ލޭ ހަދިޔާކުރުމުގެ ކޭމްޕާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރ މަންޖިސްތާ މުކަރްޖީ ބަޓް ވިދާޅުވީ މިފަދަ ކަންކަމުން ދޭހަކޮށްދެނީ އިންޑިއާއާއި ރާއްޖެއާ އޮތް ގާތް ގުޅުން ކަމަށެވެ.
މަންޖިސްތާ ވިދާޅުވީ ރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ކުދިން ގިނަ ތަނެއްކަމަށާއި، އެކި ބޭނުންތަކަށް ލޭ ހޯދާ މިންވަރު އިތުރުކަމަށެވެ. އެހެންކަމުން މިފަދަ ކޭމްޕްތަކުގެ ސަބަބުން ލޭ ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަމުން އެނގެނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރުގަދަކަމެވެ. އަދި މުޖުތަމަޢުގައި ވަރަށްބޮޑަށް ބޭނުންޖެހިފައިވާ މިފަދަ ކަމަކަށް ރޯޔަލް ޓައިގަރއިން އިސްނަގައިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ،" މަންޖިސްތާ ވިދާޅުވިއެވެ.
އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރ މަންޖިސްތާ މުކަރްޖީ ބަޓް ވިދާޅުވީ ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ރޯޔަލް ޓައިގަރ ސްޕޯޓްސް ކުލަބަކީ ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ ރޯޔަލް ޓައިގަރސް ކްލަބުގެ ގޮތްޕެކެވެ. މި ކުލަބުން އިންޑިއަން ކަލްޗަރަލް ސެންޓަރާއި، ހައިކޮމިޝަން އޮފް އިންޑިއާ އަދި އިންޑިއާގެ އެހެނިހެން ޖަމްޢިއްޔާތަކާ ގުޅިގެން، އިޖްތިމާޢީ އަދި ޗެރިޓީ ހަރަކާތްތައް އިންތިޒާމުކޮށް ހިންގަމުން ގެންދެއެވެ.
މި ކުލަބުގެ ހަރަކާތްތަކުގެ ތެރޭގައި ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތްތަކާއި، ކުޅިވަރު މުބާރާތްތަކާއި، ހިލޭ ސާބަހަށް ބާއްވާ ސިއްޙީ ފަރުވާދިނުމުގެ ކޭމްޕްތަކާއި، އާންމު ސިއްޙަތާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. މީގެ އިތުރުން، ސަގާފީ މުނާސަބަތުތަކާއި، ކާރިސާތަކުގައި އެހީތެރިވުމުގެ މަސައްކަތްތަކާއި، މުޖުތަމަޢުގެ ތަރައްޤީއަށް އެހީތެރިވުމަށް އަމާޒުކޮށްގެން އެކި ބާވަތުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަކީވެސް މި ކުލަބުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.