ޚަބަރު

މަގުތައް ތަރައްޤީކުރަނީ ފަސޭހައަކަށް؛ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާކަށް ނޫން: ސީޕީ


  • މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް އިތުރުވަމުންދާކަން ކޮމިޝަނަރ ފާހަގަކުރެއްވި

  • ހުރިހާ ފަރާތްތަކުންވެސް ޤަވާއިދަށް ހުރިމަތްތެރިކޮށް ހިތުމަށް ކޮމިޝަނަރ ގޮވާލެއްވި

ސަރުކާރުން ބޮޑެތި ޚަރަދުތައްކޮށްގެން މަގުތައް ތަރައްޤީކުރަނީ ޤަވާއިދާއި ޚިލާފަށް ބާރު ސްޕީޑުގައި ވެހިކަލް ދުއްވަން ނޫންކަމަށާއި، އެއީ އެންމެންގެ ފަސޭހައަކަށް ސަރުކާރުން ކުރާކަމެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދިޔަ 100 ވަނަ ޓްރެފިކް މޮނީޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ވަނީ މަގުމަތީ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް އަލިއަޅުވާފައެވެ. އެގޮތުން އެކްސިޑެންޓުތައް މަދުކުރެވޭނީ ހުރިހާ ފަރާތްތަކަކުންވެސް މަގުމަތީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް ވިދާޅުވިއެވެ. އަދި ބައެއް ފަރާތްތަކުން މިހާރު އަމަލުކުރަމުންދާ ގޮތުން ޤަވާއިދާއި އެއްގޮތަށް އުޅޭ މީހަކަށްވެސް ރައްކާތެރިކަން ކަށަވަރުނުވާކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ހުއްޓިގެން ނޫނީ މަގުތައް ބޭނުން ކުރާ ފަރާތްތަކަށް ސަލާމާތްތެރިކަމެއް ނެތްކަމަށެވެ.

ސީޕީ ވިދާޅުވީ، ޓްރެފިކް މޮނީޓަރ ޕްރޮގްރާމުގެ އެއް ބޭނުމަކީވެސް މަގުމަތީގެ ޤަވާއިދުތަކަށް ބޯލަނބާ ޖީލެއް ބިނާ ކުރުން ކަމަށެވެ. އެގޮތުން މި ތަމްރީނުތައް ފުރިހަމަކުރާ ކުދިން މަގުމަތީގެ ޤަވާއިދުތަކަށް ބޯލަނބާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

"ސްކޫލްތަކުގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ޓްރެފިކް ޤަވާއިދުތަކަށް ބޯލަނބާ ޖީލެއް އުފެއްދުން. މިކުދިން ބޮޑުވުމުން ޓްރެފިކް ޕޮލިހެއް ނުފެނުނަސް ޤަވާއިދުތަކާއި އެއްގޮތަށް ދުއްވާނެ ކަމަށް ޤަބޫލުކުރެވޭ. ނަތިޖާއަކީ އެކްސިޑެންޓް މަދުވެ އަނިޔާވާ މީހުން ވަރަށް ބޮޑަށް މަދުވެގެން ދިއުން " ސީޕީ ޝުޖާޢު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ކޮންމެ އަހަރަކުވެސް އެތައް އެކްސިޑެންޓެއް ހިނގާއިރު، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހާ ދިގުމުއްދަތައް ބޭސް ފަރުވާ ކުރަން ޖެހުމާއި، އެކްސިޑެންޓެއްގެ ސަބަބުން މީހުންގެ ފުރާނަ ގެއްލިގެން ދިއުމަކީ މިފަދަ ކަންކަން ހުއްޓުވަން ޖެހޭ ސަބަބެއް ކަމަށެވެ. އަދި ސަރުކާރުން ބޮޑެތި ޚަރަދުކޮށްގެން މަގުތައް ތަރައްޤީ ކުރަނީ މަގުމަތީ ދުއްވާ އެންމެހައި ފަރާތްތަކަށް ފަސޭހައަކަށްކަމަށާއި މިއީ އެއްވެސް ބަޔަކު ޤަވާއިދާއި ޚިލާފަށް ރޭސް ޖެހުމަށް ފުރުސަތު ދިނުމަށް ކުރާ ކަމެއް ނޫންކަމަށް ސީޕީ ވިދާޅުވިއެވެ. އެހެންކަމުން މަގުމަތީގެ ޤަވާއިދުތައް ތަންފީޒު ކުރުމަށް މުޖްތަމަޢުގެ އެއްބާރުލުން ބޭނުންވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.