ލީބިޔާގެ ރޫޅިފައިވާ ކަނޑުގެ ލަޝްކަރާއި ކޯސްޓް ގާޑު އަލުން ބިނާކޮށް ދިނުމަށް ވިލާތުގެ އިއްތިޙާދުން އެއްބަސްވެއްޖެއެވެ.
ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ފްރެޑްރިކާ މޮގިރީނީ ވިދާޅުވީ ލީބިޔާގެ ރޫޅިފައިވާ ކަނޑުގެ ލަޝްކަރާއި ކޯސްޓް ގާޑު އަލުން ބިނާކޮށް ދިނުމަށް އެދި އެޤައުމުގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން ރަސްމީ ސިޓީއެއް ފޮނުވާފައިވާ ކަމަށާ އެސިޓީގައިވާ ކަންކަމަށް އިޖާބަ ދިނުމަށް އެއިއްތިޙާދުން ނިންމާފައިވާ ކަމަށެވެ.
ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރު ވިލާތުގެ އިއްތިޙާދުގެ ކިބައިން އެދިފައިވަނީ ލީބިޔާގެ ކަނޑުގެ ލަޝްކަރާއި ކޯސްޓް ގާޑު ބާރުތަކަށް ބޭނުންވާ މީހުން ތަމްރީންކޮށް އެ ދެ މުއައްސަސާއަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ކަމަށް ޚަބަރުތައް ބުނެއެވެ. ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރު ބުނާގޮތުން މިކަމުގެ ބޭނުމަކީ ލީބިޔާ އައްސޭރިފަށް ބޭނުންކޮށްގެން މެޑިޓަރޭނިޔަން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ޣައިރު ޤާނޫނީގޮތުން ހިޖްރަކުރާ މީހުންގެ ދަތުރުތައް ހުއްޓުވުމެވެ.
މީގެއިތުރުން ލީބިޔާގައި އަމަން އަމާންކަން ގާއިމްކޮށް ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ދަށަށް ލީބިޔާގެ ކަނޑާއި އައްސޭރިފަށުގެ ސަރަހައްދުތައް އަލުން ގެނައުމަށްޓަކައިވެސް ކަނޑުގެ ލަޝްކަރާއި ކޯސްޓް ގާޑު އަލުން ބިނާކުރަންޖެހޭ ކަމަށް ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ މަސްއޫލުވެރިން ވިދާޅުވެއެވެ.