ރާއްޖޭގެ ޞިއްޙީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ހޯދޭ ކާމިޔާބީތަކާއި މަސައްކަތްކުރެވޭ މައިގަނޑު އަމާޒުތައް ރާއްޖޭގެ ހެލްތު މިނިސްޓަރ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ބަޔާންކޮށްދެއްވައިފިއެވެ.
ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް މި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވީ، މިހާރު ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ކުރިޔަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޢާއްމު ބައްދަލުވުމުގައި ދެއްވި ތަޤްރީރުގައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫ އެޗްއޯގެ އަހަރީ ޢާންމު ޖަލްސާއަކީ، އެ ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުގެ ޞިއަޙަތާބެހޭ ވަޒީރުން ބައްދަލުކުރައްވައި، ދުނިޔޭގައި ހުރި ޞިއްޙީ މައްސަލަތަކާއި ޤައުމުތަކުގައި ހުރި ޞިއްޙީ މައްސަލަތައް ޙައްލުކުރުމަށް ބައިނަލް އަޤުވާމީ މުޖުތަމަޢުން އަދާކުރާނެ ދައުރު ކަނޑައަޅައި، މަސައްކަތްކުރާނެ އަމާޒުތައް ކަނޑައެޅުމުގެ މަތީފެންވަރުގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ހެލްތު މިނިސްޓްރ އިރުތިޝާމު އާދަމް ދިވެހިރާއްޖޭގެ ފަރާތުން ކުރެއްވި ތަޤްރީރުގައި، ރާއްޖޭގެ ހުރި ޞިއްޙީ ބޮޑެތި ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހުރި ޞިއްޙީ ދާއިރާގައި ހުރި ގޮންޖެހުންތަކުގެ ގޮތުގައި މިނިސްޓަރ އެންމެ ބޮޑަށް ފާހަގަކުރެއްވީ، ދިވެހި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްދިނުމަށް ބޭރު ޤައުމުތަކުގެ ފަންނީ މީހުން ގެންނަންޖެހުމުގެ މައްސަލައެވެ. އަނެއް ކަމަކަށް ފާހަގަކުރެއްވީ ޑޮކްޓަރީ ފަރުވާއަށް ބޭނުންވާ އިކްވިޕްމަންޓަކީވެސް ބޭރުން އިމްޕޯޓްކުރަންޖެހޭ އެއްޗއްސަށް ވުމުން އެފަދަ އެއްޗެހި ހޯދުމަށް ކުރަންޖެހޭ ބޮޑު ޚަރަދާއި ދަތިކަމުގެ މައްޗަށެވެ.
މިނިސްޓަރ އިރުތިޝާމް އާދަމްގެ ވާހަކަފުޅުގައި، ޞިއްޙީ ޚިދުމަތުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް، ހުރި ގޮންޖެހުންތަކާއެކުވެސް ޙާޟިލްކުރުމުގައި ދިވެހި ސަރުކާރު ހޯދާފައިވާ އަދި ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި މި ވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުންތައް ކަމުގައިވާ ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
ރާއްޖޭގެ ހެލްތު މިނިސްޓަރ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޢާންމު ބައްދަލުވުމުގައި، ކުރެއްވި ތަޤްރީރުގައި، ރާއްޖެއިން ޑެންގޫ ކޮންޓްރޯލްކުރެއްވުމަށް ކުރައްވާ މަސައްކަތް ޙިއްޞާކުރެއްވިއެވެ. އަދި ގައިންގަޔަށް އަރާ ބަލިތައް ނައްތާލުމުގައި ހޯދިފައިވާ ކާމިޔާބީ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ޞީއްޙީ ނިޒާމު ތަރައްޤީކުރެއްވުމުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި ލަނޑުދަނޑިޔައް ބަޔާންކުރެއްވިއެވެ.