ޚަބަރު

މާލެއިން ފެން ހިންދަން ހުރިހާ ވަސީލަތެއް ދަނީ ބޭނުން ކުރަމުން: ދިފާއީ ވަޒީރު


  • މާލެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ޕަމްޕް ޖަހައި ފެން ބޭރުކުރަން މަސައްކަތް ކުރިއަށްދޭ

  • މާލެ އޭރިއާގެ ހުރިހާ ސިފައިން ވަނީ ފެން ހިންދުމުގެ މަސައްކަތައް ނެރެފައި

ފެން ހިންދުމުގެ މަސައްކަތަށް މާލެ އޭރިއާ ކޮމާންޑުގެ ހުރިހާ ސިފައިން ނުކުމެ މަސައްކަތް ކުރަމުންދާ ކަމަށް ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގައި ފެންބޮޑުވެފައިވާއިރު، ޤައުމީ ދިފާޢީ ބާރުގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ދަނީ މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ދިފާއީ ވަޒީރު ވިދާޅުވީ، ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެންގެވުމަށް މާލެ ސަރަހައްދުގެ މަގުތަކަށް މާލެ އޭރިއާ ކޮމާންޑުގެ ހުރިހާ ސިފައިން މަގުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"ރައީސްގެ ސީދާ އަމުރަށް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން މަގުތައް މައްޗަށް ނެރެފި. ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށް އިތުރު މަސައްކަތްތައް ސިފައި ކުރަމުން" ޣައްސާން ވިދާޅުވިއެވެ.

ދިފާއީ ވަޒީރު ވިދާޅުވީ، ސިފައިން ކުރަމުންގެންދާ މަސައްކަތުގައި މިވަގުތު ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ވާރޭވެހުން ހުއްޓާލާ ހިސާބުން މާލޭގެ މަގުތަކުގައި ފެންބޮޑުވުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 2 ދުވަހުވެސް ވިއްސާރަކަމަށް ލަފާކޮށްފައިވާތީ، ސިފައިން ޑިއުޓީތައް ބަހައިގެން ތައްޔާރީ ހާލަތުގައި ތިބޭނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ދިފާއީ ވުޒާރާއިން ވިދާޅުވީ، އިތުރު 2 ޕަމްޕް ކުރިއަށް އޮތް ދެމެހެއްހާ ދުވަހުގެ ތެރޭގައި ސިފައިންނަށް ލިބޭއިރު، މި ޕަމްޕްތަކަކީ އަލިފާން ނިއްވުމުގައި ބޭނުން ކުރާ ޕަމްޕުތަކެއް ކަމަށެވެ. ނަމަވެސް މިފަދަ ހާލަތުގައި ފެން ހިންދުމަށްވެސް އެ ޕަމްޕުތައް ބޭނުން ކުރަމުންދާ ކަމަށެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ އެކި ރަށްރަށުގައިވެސް ފެންބޮޑުވާ ސަރަހައްދުތަކުގައި، ފެން ހިންދުމާއި ބޭނުންވާ އެހެން ކަންކަމުގައި އެހީވުމަށް ޤައުމީ ދިފާއީ ބާރުން މަސައްކަތް ކުރަމުންދާކަން އެމްއެންޑީއެފުން ފާހަގަކުރައްވައެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހެމުންދާއިރު ކުރިއަށް އޮތް ދެދުވަހުވެސް އިތުރަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަމާއި ބެހޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވެ ތިބުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.