ޚަބަރު

ޓެކްސްއަށް ބަދަލު ގެންނާނީ ރައްޔިތުންނަށް ބުރަ ނުވާގޮތަށް: ވަޒީރު ޝަފީޤު


  • ޖީއެސްޓީ، ޓީޖީއެސްޓީ، ފަދަ ޓެކްސްތައް ބޮޑު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ

  • ޚަރަދު ކުޑަކުރުމަށް ރިފޯމުކުރުމުގެ މަސައްކަތްތަކެއްވެސް ކުރުމަށްވަނީ ރާވާފައި

ދައުލަތަށް އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުން ރައްޔިތުންނަށް އޭގެ ބުރަ އުފުލަން ނުޖެހޭނެ ކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު ވިދާޅުވީ ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތްހޯލްޑިންގ ޓެކްސް ފަދަ ޓެކްސްތައް ބޮޑު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، 2025-2027 އަށް ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުގެ ތަފުސީލުތައް ދެއްވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވީ ޓެކްސްތަކާ ފީތަކަށް ގެންނަ ބަދަލުތަކުން ރައްޔިތުންނަށް އޭގެ ބުރަ އުފުލަން ނުޖެހޭނެ ކަމަށެވެ.

"ޓެކްސް ރޭޓު ބޮޑުކުރުމުގެ ބަދަލުގައި ޓެކްސް ބޭސްތައް ބޮޑުކުރުމަށް ނިންމާފައިމިވަނީ، އެގޮތުން ސިއްހަތަށް ގެއްލުންވާ ބައެއް އެއްޗެހިން އިމްޕޯޓު ޑިއުޓީ ބޮޑުކުރުން، މިއީ މުޖުތަމަޢަށްވެސް ފައިދާ ކުރާނެ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޓެކްސްގެ ބޭސްއަށް ބަދަލުތައް ގެނައުމުގެ ކުރިން މިކަމާއި ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ދައުލަތަށް ޓެކްސްގެގޮތުގައި ނުލިބި ހުރި ބޮޑެތި އަދަދުތައް ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.

ގިނަ ރިފޯމްތަކެއް މިއަހަރުގެ މެދުތެރޭގައި ގެނައުމަށް ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް އެކަމާއި ގުޅޭގޮތުން ކުރަން ޖެހޭ މަސައްކަތްތައް ނުކޮށް ހުރުމުން ރިފޯމްތައް ތަންފީޒްކުރަން ކަނޑައެޅި މުއްދަތުގައި އެކަން ކުރެވިފައި ނުވާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިގެނެވޭ ބަދަލުތައް ތަންފީޒުކުރުމުގެގޮތުން ގިނަ ކަންތައްތަކާ މެދު ވިސްނަން ޖެހޭ ކަމަށެވެ.

"ކުންފުނިތައް ރައިޓް ސައިޒު ކުރުމުގައިވެސް، މިގެނެވޭ ބަދަލީ ކުންފުނިތައް ހިންގުމުގައިވެސް ދެމެހެއްޓެނިވިގޮތަކަށް ގެނެވޭ ބަދަލަކަށްވާން ޖެހޭ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައިވެސް ޕޭ ހާމަނައިޒޭޝަނަށް ޚާއްސަ އިސްކަމެއްދެއްވާފައިވާނެ ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ ހިންގުމަށްވެސް ބަދަލުތައް ގެނެސް ޚަރަދުތައް ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ރާވަމުންދާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.