ދުނިޔެ

އަސަދަށް ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާއިން ގޮވާލައިފި


ސޫރިޔާގެ އުތުރުގެ ރަށެއްކަމަށްވާ ޙަލަބަށް އެޤައުމުގެ ސިފައިން ދެމުންގެންދާ ޙަމަލާތައް ހުއްޓުވުމަށްޓަކައި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާއިން ރަޝިޔާއަށް ގޮވާލައިފިއެވެ. 

އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާން މާކް ޓޯނާ ވިދާޅުވީ ޙަލަބްގައިވާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ އަމާޒުތަކަށް އެގައުމުގެ ސިފައިންދޭ ޙަމަލާތައް ހުއްޓާލަންޖެހޭ ކަމަށާ މިކަމުގައި ސޫރިޔާ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ބާރު ރަޝިޔާއަށް ލިބިގެންވާކަމަށެވެ. 

ޓޯނާ ވިދާޅުވީ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް މަގުފަހިވާނީ ސޫރިޔާ ސިފައިންގެ ޙަމަލާތައް ހުއްޓާލައިގެން ކަމަށެވެ. ޖެނީވާގައި ކުރިޔަށްދިޔަ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް މިމަހުގެ ކުރީކޮޅު ރޫޅިގެންދިޔައީ އެގައުމުގެ އިދިކޮޅު ފަރާތްތައް އެވާހަކަތަކުން ވަކިވުމާ ގުޅިގެނެވެ. އަލުން ސުލްޙައިގެ ވާހަކަތަކަށް އެނބުރި އަންނާނީ ސޫރިޔާ ސިފައިން ޙަމަލާތައް މުޅިން ހުއްޓާލައި ހާލުގައިޖެހިފައިވާ ސަރަހައްދުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގު ސޫރިޔާ ސަރުކާރުން ތަނަވަސްކޮށްދިނުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.